22 އެޕްރީލް 2021 - 10:57

އޭރުގެ އެއް ވަނަ ކުޅުންތެރިޔާ މޯނިންގްސަން މޫސާ މަނިކާއި އެއް ވަނަ ޑިފެންޑަރު ދޮންބިލެއް އަހްމަދު ހަލީމް އަދި އޭރުގެ އެއް ވަނަ ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) 1992 ވަނަ އަހަރު ވެލެންސިއާއަށް ގެންދިޔައީ ބޮޑު އަގު ދީގެންނެވެ. އެއީ ކުޅުންތެރިންނަށް އަގު ދީގެން ރާއްޖޭގައި އެންމެ ފުރަތަމަ ކުޅުވަން ފެށި ކްލަބު ވެލެންސިއާއިން އެކަން ފެށި ގޮތެވެ.

އޭގެ ފަހުން 2008 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ސީޒަނެއްގައިހެން އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ވެލެންސިއާ ދެމިއޮތެވެ. ދިވެހި ލީގުގެ ޗެމްޕިއަންކަން ވެލެންސިއާ އިން އެންމެ ފަހުން ހޯދީ އެ އަހަރު އެވެ. ލީގުގައި ދިގު މުއްދަތެއް ވަންދެން ތާވަލުގެ ފަހަތުގައި އޮތުމަށް ފަހު ކުރި އަރައިގެން ދިޔައީ އާދަޔާ ހިލާފު ގޮތަކަށެވެ. އަދި އޭގެ އަހަރުތަކެއް ފަހުން ވެލެންސިއާ ވެއްޓިގެން ދިޔައީ ވެސް އެކަހަލަ ގޮތަކަށެވެ. ވެލެންސިއާ އިން 12 އަހަރު ކުރިން ހޯދި ލީގަކީ އެ ކްލަބުގެ ރަން ޒަމާނުގެ ނިމުމެވެ.

ކްލަބު އަޑިއަޅައިލައިގެން ދިޔައީ އޭގެ ފަހުންނެވެ. ކޮންމެ އަހަރެއްގައި މުސާރަ ނުދެވުމުގެ މައްސަލަ ފެންމަތިވެ ސީޒަންގެ ވަކި ހިސާބަކަށް ދާއިރު ވެލެންސިއާ އޮންނަނީ މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ. މަޝްހޫރު ކޯޗް އަލީ ސުޒޭން 2012 ވަނަ އަހަރު އެކަން ސިފަކޮށްފައި ވަނީ ވެލެންސިއާ ކުޅުންތެރިން ހާފް ޓައިމްގައި ބަދަލުކޮށްލާނެ އިތުރު ޖޯޒީއެއް ވެސް ނެތް ހާލަތަށް ވެއްޓުނު ކަމަށެވެ. ސުޒޭނަކީ މަޝްހޫރު ކުޅުންތެރިންނާއެކު 1992 ގައި ވެލެންސިއާއަށް އޭރު ބަދަލުވި ޑިފެންޑަރެކެވެ.
ވެލެންސިއާގެ ކޯޗުކަން 2013 ގައި ކުރި، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މިހާރުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވެލެންސިއާ އިން އިސްތިއުފާ ދިނީ ކްލަބު މެނޭޖުމެންޓުން އެ ކްލަބަށް ކޮށްދޭން ޖެހޭ ކަންކަން ކޮށް ނުދިނުމުންނެވެ. އޭރު އޭނާ ބުނެފައި ވަނީ، ކްލަބުން ވައުދުވި ކަންކަން ކޮށްދީފައި ނުވާ ކަމަށެވެ. ގޯލެއް ޖަހާލާނެ މީހަކު ވެސް ވެލެންސިއާގެ މޭނޭޖުމެންޓުން ހޯދައި ނުދެވުނު ކަމަށް އޭރު މޯހަން ބުންޏެވެ.
އަހަރަކަށް ފަހު އަހަރެއް މައްސަލަތައް ފުނިޖެހެމުން އައިސް 2018 ގައި އެ ކްލަބު ރެލިގޭޓް ވެގެން ވެއްޓުނީ އެވެ. އެއް ސީޒަންގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނަށް އައިސް ކުރިން ތަޖުރިބާކުރި ހިތްދަތި އަހަރުތަކުގެ ދުވަސްތައް ނިމުމަކަށް ގެނެސްފި އެވެ. ބާރަ އަހަރުގެ ހިތްދަތި ދަތުރު ނިމި ވެލެންސިއާގެ ހާލަތު ބަދަލު ވެއްޖެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލައެއް އެ ޓީމަކު ނެތެވެ. ލީގުގައި ދެމެހެއްޓެނިވި ގޮތެއްގައި މުޅި ޓީމުން ޕާފޯމްކުރަން ފަށައިފި އެވެ. މުސާރަ ނުލިބިގެން ކޯޗުންނާއި ކުޅުންތެރިން މޫނު ކެނޑޭ ހިސާބަށް ދިޔަ އަހަރުތައް މިހާރު ވަނީ ނިމިފަ އެވެ.
"ވެލެންސިއާގެ މިހާރުގެ ހާލަތަށް ބަލާއިރު ފައިނޭންޝަލީ ވިސްނަން ޖެހޭ ކަމެއް އަޅުގަނޑުމެން ނެތް،" އެ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުންޏެވެ. "އަޅުގަނޑުމެންނަށް ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. މިހާރު އަޅުގަނޑުމެން [ކުޅުންތެރިންނާއި ކޯޗުން ސްޓާފުން] އަތުގައި ބޯޅަ މިއޮތީ."
ލީގުގެ ގިނަ އަހަރުތަކެއް ވަންދެން އާތީ މަސައްކަތް ކުރި އެވެ. އޭނާ ބުނީ ކްލަބުތައް މާލީގޮތުން އަޑިގަނޑަކަށް ވެއްޓޭ ވަގުތު ކުޅުންތެރިންގެ ކެތްތެރިކަން ފެންނަ ކަމަށެވެ. ވެލެންސިއާ އިން އެފްއޭ ކަޕް 2017 ކާމިޔާބުކުރީ ވެސް އެ ހާލަތުގެ ތެރެއިންނެވެ. އެ މުބާރާތުގެ ފައިނަލު މެޗަށް ދިޔައިރު ވެސް އެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދީފައެއް ނުވެ އެވެ. ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ، މުހައްމަދު ޝިފާން (ކުޑައްޓޭ)، ޝާފިއު އަހްމަދު (ޝާފީ)، އަކްރަމް އަބްދުލް ގަނީ އަދި މުހައްމަދު ފައިސަލް ލީޑްކޮށް ވެލެންސިއާ އަށް އެ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ.
މި ސީޒަންގެ ލީގުގެ ދެ ވަނައިގައި ވެލެންސިއާ މަގާމު ދަމަހައްޓަމުން އަންނައިރު އެއީ 2008 ވަނަ އަހަރަށް ފަހުން ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ އެންމެ ރަނގަޅު ރެކޯޑެވެ. ފޯވަޑްލައިން ލީޑް ކުރަން ހުރި ފޯވަޑް ސްޕެއިންގެ ބްރްހޯސް މާޓީން އަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މުސާރަ ބޮޑު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. އޭނާގެ މަހު މުސާރަ ގާތްގަނޑަކަށް 5،000 ޑޮލަރާ ގާތް ކުރެ އެވެ.
މާޒިޔާ ނެގުމަށް ފަހު ދެން އެންމެ އަގުބޮޑު ސްކޮޑު އޮތީ ވެލެންސިއާގަ އެވެ. ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެންދަން ހަރަދު ކުރީ ކްލަބަށް ހެޔޮއެދޭ ފަރާތަކުންނެވެ. މަޝްހޫރު ބައެއް ކުޅުންތެރިންގެ މުސާރަތައް ވެސް ލިމިޓް ކުރި އެވެ. އަދި އެވްރެޖް މުސާރައަށް ކުޅޭ ކުޅުންތެރިން ޓީމުގައި ގިނަ ކުރި އެވެ. މާލީ ގޮތުން ހަމަޖެހުމެއްގެ ތެރޭގައި އޮތުމަށް އެކަމުން އެހީވި އެވެ.
ލީގުގައި މިރޭ އެ ޓީމުން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޔުނައިޓެޑް ވިކްޓަރީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހިޖެގެން މޮޅުވެފައި ވުމުން އެ ޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ.