22 އެޕްރީލް 2021 - 02:34

ލަންޑަން (22 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ. މި މެޗު ދެ ޓީމު ވެސް ނިންމާލީ ދިހަ މީހުންނާއެކު އެވެ.
މި މެޗުން މޮޅުވެ، ސިޓީން ވަނީ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 11 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި ސިޓީ އަށް ބާކީ އޮތް ފަސް މެޗުން 8 ޕޮއިންޓް ހޯދައިގެން، ސިޓީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ސިޓީން 10 މީހުންނާއެކު ކުޅެންޖެހުމުގެ ފައިދާ ވިލާ އަށް ނެގޭ ގޮތެއްނުވި އެވެ. ދެވަނަ ހާފު ފެށިތާ 11 މިނިޓުގެ ތެރޭގައި، ވިލާގެ މެޓީ ކޭޝަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. ކޭޝް ދެ ރީނދޫ ކާޑު ހޯދީ ތިން މިނިޓުގެ ތެރޭގަ އެވެ.
ވިލާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ މެޗުގެ ފުރަތަމަ ސިކުންތުކޮޅުގެ ތެރޭގަ އެވެ. ވިލާ އަށް ލަނޑު ޖަހައިދިނީ ޖޯން މިގިންނެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި ސިޓީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފިލް ފޯޑަންނެވެ. އަދި ބެނާޑޯ ސިލްވާ ތަނަވަސްކޮށްްދިން ފުރުސަތަކުން، މެޗުގެ 40 ވަނަ މިނިޓުގައި ސިޓީ އަށް ލީޑު ހޯދައިދިނީ ރޮޑްރީ އެވެ. -- އޭއެފްޕީ