16 ނޮވެމްބަރ 2016 - 13:49

ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ނިޔާވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ނިޔާވީ ހދ. ކުޅުދުއްފުށީ ބަބޫގޭ އުމުރުން 29 އަހަރުގެ ހަސަން އަލީ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅެވެ. ހަސަން އާއި އޭނާގެ އާއިލާ ދިރިއުޅެނީ ލަންކާގަ އެވެ.
ހަސަންގެ ކޮއްކޮ ހުސައިން އަލީ ބުނީ ހަސަނާއި އޭނާގެ ދަރިފުޅު މަރުވީ އާއިލާއާ އެކު ޕިކަޕުގައި ދުއްވާލަން ނިކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. ހަސަން އާއި އޭނާގެ ދަރިފުޅު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ހާދިސާގައި ހަސަން އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ނިޔާވިއިރު އެ އާއިލާގެ ދެން ތިބި މެމްބަރުންނަށް ލިބުނު ގެއްލުންތައް ސާފުނުވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުނީ އާދިއްތަ ދުވަހު މެންދުރު ފަހު ފަހަރި (ހަސަން އަލީގެ އަނބިމީހާ) ގެ ފަރާތުން. އެކަމަކު ހާލަތު ހުރިގޮތުން އޭގެ މާ ބޮޑު ތަފްސީލު ލިބޭ ގޮތެއް ނުވި،" ހަސަން ބުންޏެވެ.
ހުސައިން ބުނި ގޮތުގައި އޭގެފަހުން ހަސަންގެ އަނބިމީހާއާ ގުޅަން މަސައްކަތް ކުރިޔަސް އޭނާއާ ގުޅޭ ގޮތެއް ނުވެއެވެ.
މީގެ ދެ އަހަރު ކުރިން އާއިލާއާ އެކު ލަންކާ އަށް ދިރިއުޅުން ބަދަލުކުރި ހަސަން އަންނަނީ އެ ގައުމުގައި ވަޒީފާ އަދާކުރަމުންނެވެ.
ހަސަން މަރުވިއިިރު އޭނާގެ އިތުރު އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ އެފަދަ ހާދިސާއެއްގެ މައުލޫމާތު އަދި ނުލިބޭ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.