ދޫނިދޫ ޖަލުން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ދޫނިދޫ ޖަލުން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ ކ. ދޫނިދޫ ޖަލުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ދޫނިދޫން ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. މި އެންމެންނަކީ ވެސް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފުލުހުން އަމަލުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭއާ ގުޅިގެން އިތުރަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ދޫނިދޫގެ އިތުރުން މާފުށީ ޖަލާއި އައްސޭރި ޖަލުން ވެސް ކޮވިޑް ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެ ތަންތަނުގައި ވެސް ކޮވިޑްގެ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނައިރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.