21 އެޕްރީލް 2021 - 23:04

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ އިހުތިޖާޖުކުރަން ފަށައިފި އެވެ.
މިރޭ 9:30 އިން ފެށިގެން ޕީޕީއެމް އޮފީސް ދޮށުގައި އިދިކޮޅުގެ އިސްވެރިންނާއި ސަޕޯޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޔާމީންގެ ފޮޓޯ ޖެހި މާސްކް މޫނުގައި އަޅައިގެން ތިބެ، އެއްވުމުގެ ބައިވެރިން ގޮވަމުންދަނީ އެ މަނިކުފާނު މިނިވަން ކުރުމަށެވެ.
އިދިކޮޅުގެ އިސްވެރިން އިހުތިޖާޖުގެ ބައިވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ވެސް ޔާމީން މިނިވަން ކުރަން ޖެހޭކަން އެނގިގެންދާ ކަމަށެވެ.
އެ ސަރަހައްދަށް އިތުރު މީހުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި އޮފީސް ދޮށުގައި ތިބި މީހުން އެ ސަރަހައްދުން ނިކުމެގެން ހިނގައި ގަންނަން މަސައްކަތްކުރި ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދިނެވެ.
އެއްވުން ރޫޅާލުމަށް ފުލުހުން މިހާރު މަސައްކަތް ފަށާފައިވާއިރު އެޗްޕީއޭގެ ގަައިޑްލައިން އޮންނަ ގޮތުން އަދިވެސް ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެކަމަކު ސިޔާސީ ފަރާތްތަކުން ދޭތެރެއަކުން މިގޮތަށް އެއްވުންތައް ބާއްވަ އެވެ.