21 އެޕްރީލް 2021 - 21:57

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތްކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އިއްޔެ މަނާކޮށްފި އެވެ.
ހިންމަފުށި ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވި ގޮތުގައި އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާއި ޖަލުގެ ވެއިޓަރެކެވެ.
އެ ދެ މީހުންނާ ބައްދަލުވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ވެސް މިހާރު ޕޮޒިޓިވްވެފައިވާ ކަމަށް ޝާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރެކްޝަންސްގެ އޮފިސަރާ ކޮންޓެކްޓްވި އިތުރު އޮފިސަރަކާއި ވެއިޓަރާ އެއް ކޮޓަރިއެއްގައި އުޅެމުން އައި ހަތަރު މީހެކެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަކަށް އަރާފައިވާ އިރު ޝާން ވިދާޅުވީ ގައިދީން ހިމެނޭހެން ކޮންޓެކްޓުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އައި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ރަށަށް އަރައިފޭބުން މަނާކުރި އެވެ.