ޒިކުރާ ބިމުގެ ވަގުތީ މިސްކިތުގައި ހުކުރުދުވަހު ނަމާދުކުރެވޭނެ: މިނިސްޓްރީ
ޒިކުރާ ބިމުގެ ވަގުތީ މިސްކިތުގައި ހުކުރުދުވަހު ނަމާދުކުރެވޭނެ: މިނިސްޓްރީ

ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅަމުން އަންނަ ވަގުތީ މިސްކިތް ނިމި ހުކުރުދުވަހު ނަމާދުކުރަން ފެށޭ ވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީގެ ޓްވީޓެއްގައި ބުނީ ވަގުތީ މިސްކިތުގެ ތަޅުން އަޅައި ހިޔާކޮށް ނިމިފައިވާ ކަމަށެވެ.

މަޖީދީމަގުގައި އޮތް އެ ބިމުގައި ވަގުތީ މިސްކިތެއް އަޅަން ކޮންނަމުން ދަނިކޮށް މި މަހު 6ގައި މިނިކަށިތަކެއް ފެނިފައިވެ އެވެ. ނަމަވެސް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.

އެ ތަނުން އާސާރީ ތަކެތި ވެސް ފެނި، އެ ތަކެތި ރައްކާތެރި ކުރެވެންދެން، މިސްކިތުގެ މަސައްކަތް ހެރިޓޭޖު މިނިސްޓްރީން ވަގުތީގޮތުން ހުއްޓުވާފައި ވެ އެވެ.

ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ތަނަށް ޒިޔާރަތްކުރެއްވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު އަހަރެއްވާން ކައިރިވިއިރު ވެެސް އަމަލީ މަސައްކަތް ނުފެށުމުން މި ސަރުކާރުން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.