ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނާއިބު ރައީސަކަށް ފަޔާޒު
ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނާއިބު ރައީސަކަށް ފަޔާޒު

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާ އެކު އެކުލަވައިލި ޕޮލިސް ބޯޑުގެ ރައީސް ކަމަށް އަލީ ފާއިޒު އަދި އެ ބޯޑުގެ ނާއިބު ރައީސް ކަމަށް އަހުމަދު ފަޔާޒް ހަސަން މިއަދު އިންތިހާބުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހު 9ގައި ޕޮޮލިސް ބޯޑު އެކުލަވާލެއްވީ ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް އައްޔަން ކުރަން ރުހުން ދީފައިވާ ހަތް މެންބަރުންނާ އެކު އެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.

ބޯޑުގެ ރައީސް ކަމަށް އިންތިހާބުކުރި ފާއިޒު އާއި ބޯޑުގެ ނައިބް ރައީސް ފަޔާޒުގެ އިތުރުން ޕޮލިސް ބޯޑުގައި ދެން ތިއްބަވަނީ އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފް އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ އިސްލާހަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ޕޮލިސް ބޯޑު އެކުލަވާލާ ގޮތަށް އޮތުން ކަމަށެވެ. އަދި އެ ބަދަލަކީ ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓުގެ މީހުން އެދިއެދި ތިބި ބަދަލެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ފިޔަވައި ފުލުހުންގެ އިސް ރޭންކުތަކަށް އޮފިސަރުން ހަމަޖައްސާ އިރު ޕޮލިސް ބޯޑުގެ ހުއްދަ ހޯދަން ޖެހެ އެވެ. ބޯޑަށް ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ކޮމިޝަނަރެވެ.