22 އެޕްރީލް 2021 - 08:56

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެ މަދުވެއްޖެ އެވެ.

އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމުން އަންދާޒާކޮށްފައި އޮތީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހަ މިލިއަން ސަބްސްކްރައިބަރުން ލިބޭނެ ކަމަށެވެ. އެކަމަކު ޖެނުއަރީން މާޗް މަހާ ހަމައަށް އަދަދަކީ 3.98 މިލިއަނެވެ.
ނެޓްފްލިކްސް އިން ބުނީ އަންދާޒާކުރި ވަރު ނުވީ އާ ޝޯތައް މަދުވެގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ އާ ޝޯތައް އިތުރުވާން ފެށުމާ އެކު ސަބްސްކްރައިބަރުންގެ އަދަދު އިތުރުވާން ފަށާނެ ކަމަށް ބުންޏެވެ. ނެޓްފްލިކްސް އިން ބުނީ އަހަރުގެ ފުރަތަމަ ތިން މަހުގެ އާ އުފެއްދުންތައް މަދުވާން ދިމާވީ ކޮވިޑާ ހެދި ވަރަށް ގިނަ މަސައްކަތް މެދުކަނޑާލަން ޖެހި، މަސައްކަތް އަލުން ނުފެށި ގިނަ ދުވަސްތަކެއް ވުމުން ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ގިނަ ގައުމުތައް ލޮކްޑައުން އަށް ގޮސް، ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުން ސްޓްރީމިންގެ ހިދުމަތަށް ވަރަށް ބާރު ބޮޑުވި އެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް ނެޓްފްލިކްސް ބޭނުންކުރަން ފެށި މީހުންގެ އަދަދު 15.8 މިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން ޕަސަންޓަކީ އޭޝިއާގެ މީހުންނެވެ.
ލާފަކުރި ކުރިއެރުން ނުލިބުނަސް އަހަރުގެ ދެވަނަ ކުއާޓަރުގައި އެއް މިލިއަން ސަބްސްބްރައިބަރުން ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ކުރިން އަންދާކުރި އަދަދަށް ވުރެ ހަތަރު ގުނަ ދަށް އަދަދެކެވެ.
ނަމަވެސް ދެވަނަ ކުއާޓަރުގައި އަންނަން ހުރި ޝޯތައް ކަމަށްވާ "ޔޫ" އާއި "މަނީ ހެއިސްޓް" އަދި "ދަ ވިޗާ" ވެބް ސީރީޒްގެ އާ ސީޒަންތަކާއި "ރެޑް ނޯޓިސް" ފަދަ ފިލްމުތަކާ އެކު ސަބްސްކްރައިބަރުން އިތުރުވާނެކަމުގެ އުންމީދު ނެޓްފްލިކްސް އަށް ބޮޑެވެ.
ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު އަންދާޒާކުރާ ވަރަށް ވުރެ ދަށްވާ ސަބަބުތަކުގެ ތެރޭގައި ސްޓްރީމިން ހިދުމަތްދޭ ކުންފުނިތައް އިތުރުވެ، ވާދަވެރިން ބޮޑުވުން ހިމެނެ އެވެ. އެގޮތުން އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ފަދަ ޕްލެޓްފޯމްތަކާ ދެކޮޅަށް މިހާރު ވަރަށް ބޮޑަށް ވާދަކުރަން ޖެހެ އެވެ.
ނެޓްފްލިކްސްގެ ފުރަތަމަ ތިން މަސް ދުވަހުގެ އާމްދަނީ އަކީ 7.16 ބިލިއަން ޑޮލަރެވެ. ފީ ދައްކައިގެން ނެޓްފްލިކްސްގެ ބޭނުންކުރާ މީހުންގެ އަދަދު 204 މިލިއަނަށް އަރަ އެވެ.