ލަންކާގެ ރީތީގެ ރާނީ ތާޖު ދޫކޮށްލުމުން އެ މަގާމު ދެ ވަނައަށް
ލަންކާގެ ރީތީގެ ރާނީ ތާޖު ދޫކޮށްލުމުން އެ މަގާމު ދެ ވަނައަށް

ކޮލަމްބޯ (އެޕްރީލް 21) - އެންމެ ފަހު މުބާރާތުގެ މިސިޒް ވޯލްޑުގެ ތާޖު ސްރީ ލަންކާގެ ކެރޮލީން ޖޫރީ ދޫކޮށްލުމުން އެ މަގާމު، އެ މުބާރާތުގެ ފަސްޓް ރަނަރަޕް އަޔަލޭންޑުގެ ކޭޓް ޝެނެއިޑާ އަށް ދޭން މިސިޒް ވޯލްޑް އޮގަނައިޒޭޝަނުން ނިންމައިފި އެވެ.

މިސިޒް ސްރީ ލަންކާގެ މަގާމަށް ދާދި ފަހުން ހޮވުނު ޕުޝްޕިކާ ޑި ސިލްވާ އަތުން ސްޓޭޖް މަތީގައި ރީތީގެ ރާނީގެ ތާޖް ވަނީ ކެރޮލީން އަތުލައިފަ އެވެ. ވީޑިއޯ މެސެޖެއްގައި ކެރޮލީން ބުނީ ސްޓޭޖުގައި ޕުޝްޕިކާ އަތުން ތާޖު އަތުލީ ވަކި މީހަކާ މެދު ހިތްހަމަ ނުޖެހުން އޮވެގެން ނުވަތަ ވަކި އެޖެންޑާއެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު އޭނާގެ ބޭނުމަކީ މުބާރާތުގައި ވާދަކުރާ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ދިނުން ކަމަށް ބުންޏެވެ. ކެރޮލީންގެ ޝަކުވާ އަކީ ޕުޝްވިކާ މީހަކާ ކައިވެނިކޮށްގެން ނޫޅުމެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ ޕުޝްޕިކާ ސެޕަރޭޓްވެފައިވީ ނަމަވެސް ވަރިވެފައި ނުވާ ކަމަށެވެ.

މިސިޒް ސްރީ ލަންކާ އިން ފަހުން ވަނީ ރީތީގެ ރާނީގެ ތާޖް ޕުޝްޕިކާ އަށް އަލުން ހަވާލުކޮށްފަ އެވެ.

ސްޓޭޖުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކެރޮލީން ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

މިސިޒް ވޯލްޑުން ބުނެފައި ވަނީ ރީތީގެ ރާނީގެ ތާޖު ދޫކޮށްލުމަކީ ކެރޮލީންގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުން ގަބޫލްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުނެފައިވެ އެވެ.