21 އެޕްރީލް 2021 - 22:57

ރޯދަ މަހު ގޭގޭގައި ކައްކާ އެއްޗެހި އިތުރުވެ އުކާލަން ޖެހޭ ތަކެތި ވެސް އޮންނަނީ ގިނަވެފަ އެވެ. އެކަމަކު އެފަދަ ކާބޯތަކެތި އިސްރާފުވިޔަ ނުދީ އެހެން ބަޔަކަށް ފޯރުކޮށްދޭނެ މަގު މި ރޯދަމަހު ބަޔަކު ފަހިކޮށްދީފި އެވެ.
"#އެންމެންކައިގެން"ގެ ނަމުގައި ހިންގާ ހަރަކާތަކުން ވަނީ ގޭގެ އިން ބާކީވާ ކާބޯތަކެތި ބަލައިގަންނަން ފަށައިފަ އެވެ. ހެންވޭރު ދަނޑު ކުރިމަތީގައި ހުންނަ ޔޫތު ސެންޓަރުން ކޮންމެ ރެއަކު 9:30 އިން 12 އަށް ކާ އެއްޗެހި ބަލައިގަނެ، ބޭނުން ޖެހިފައިވާ މީހުންނަށް ބަހާނެ އެވެ.
އެ ހަރަކާތުގައި އިސްކޮށް އުޅޭ ފާތިމަތު ޝަންމާ ގައްޔޫމް ބުނީ ބޭނުންވާ ކޮންމެ މީހަކު އެ ތަނަށް ކާއެއްޗެހި ބަލާ ދިޔަޔަސް ލިބޭނެ ކަމަށެވެ.
"ކާ އެއްޗެހި ހިފައިގެން އަންނަ ވަރަކަށް ހަމަ މިކޮޅުން، އެ އެއްޗެހި ބޭނުންވާ މީހުންނަށް ފޯރުކޮށްދޭނަން. ވަކި ޖިންސަކަށް، އުމުރަކަށް އަދި ގައުމަކަށް ނުބަލާނެ. ކާ އެއްޗެހި ބޭނުންވެފައި ތިބި އެންމެން ވެސް މުނިއުފާ ޔޫތު ސެންޓަރަށް ދިޔައިމަ ކާ އެއްޗެހި ލިބޭނެ،" ޝަންމާ ބުންޏެވެ.
އޭނާ ބުނީ ގޭގެ އިން އެއްޗެހި ގެންދަންވާނީ ރަނގަޅަށް ބަންދުކޮށްގެން ކަމަށެވެ.
ރޯދަ މަހު ކާ އެއްޗެހި ގިނަވެ އެ އެއްޗެހި ހަދިޔާކުރެވޭނެ ގޮތެއް ނެތިގެން މި ހިޔާލު ގާތް އެކުވެރިންނާ ހިއްސާކުރީ ވެސް ޝަންމާ އެވެ.
ފަސް ވަރަކަށް ޒުވާނުން ބައިވެރިވެގެން ހިންގާ މި ހަރަކާތުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ޓްވިޓާގައި އާއްމުކުރުމާ އެކު ލިބުނީ، ޝަންމާ ބުނިގޮތުގައި، އުއްމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެކެވެ.
"އަސްލު ވަރަށް ގިނަ މީހުން ބޭނުންވޭ ކާ އެއްޗެހި މިގޮތަށް ހަދިޔާކުރަން. އެކަމަކު އެ ހަދިޔާކުރެވޭނެ ޕްލެޓްފޯމެއް ނެތް. އެހެންވެ، އެހެން މީހެއްގެ ކޮއްތު ކުންޏަށް ވެގެން ދިއުން ނޫން އިތުރު ޗޮއިސްއެއް ނެތް. އަޅުގަނޑުމެންގެ މޫވްމަންޓުން މި ފަހިކޮށްދެނީ އޭގެ ބޭނުން ޖެހިފައިވާ ބަޔަކަށް ހަދިޔާކުރެވޭނެ މަގުތައް،" ޝަންމާ ބުންޏެވެ.
އޭނާ ބުނީ އިތުރު ވޮލަންޓިއަރުންނާއި ޖަމިއްޔާތަކާ ގުޅިގެން މިކަން ފުޅާކުރަން ވެސް ބޭނުންވާ ކަމަށެވެ.