21 އެޕްރީލް 2021 - 16:16

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ރާއްޖެ އާއި ކުވައިތާ ދެމެދު ދެ އެމްއޯޔޫއެއްގައި ރޭ ސޮއިކޮށްފި އެވެ.
ކުވައިތުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޝާހިދެވެ. އެ ގައުމުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ނާސިރު އަލް މުހައްމަދު އަލް އަހަމަދު އަލް ޖާބިރް އަލް ސަބާހު އެވެ.
އެ އެމްއޯޔޫ ތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ޓޫރިޒަމްގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް ފޮރިން މިނިސްޓްރީންް ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ކުވައިތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރާ، ޝާހިދު ބައްދަލުކުރެއްވައި، ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ. އެ މަޝްވަރާތަކުގައި، ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައިކޮށް، އިޖްތިމާއީ އަދި ހިންގުމުގެ ދާއިރާތައް ހަރުދަނާކުރުމަށް ހަދާފައިވާ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާއި ބެހޭ މައުލޫމާތު ވެސް ކުވައިތުގެ ވަޒީރަށް ޝާހިދު މައުލޫމާތު ދެއްވި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ފެއްޓެވި ދަތުރުގައި ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށެވެ. އޭގެ ފަހުން، ކުވައިތަށް ވަޑައިގެންނެވީ އިންޑިއާ މަގުންނެވެ.