22 އެޕްރީލް 2021 - 09:59

ދަތުރުވެރިންގެ މާރުކޭޓަށް ވަންނަ މީހުންނަށް މި ރޯދަ މަހު އެތަނުގައި ހުންނަ ދަނޑުވެރިކަމުގެ ބާވަތްތަކަށް ވުރެ ސަމާލުކަން ދެވޭ އެއްޗަކީ އެތަނުން ގޮޅިއެއްގައި ބޭނުންކުރާ "ކުރުނބާ ހަދާ" މެޝިނެވެ. ވަޅިން ކުރުނބާ ހަދަން ހޭދަވާ ވަގުތާއި ވަޅި ބޭނުންކުރުމުން އޮންނަ ނުރައްކާ ކުޑަކޮށްދޭ މި މެޝިނުން ބޭނުންކޮށްގެން ސިކުންތުކޮޅެއްގެ ތެރޭ ކުރުނބާގެ ފެން ނަގައި އެ ފަޅާލަ އެވެ.

މިއީ ދ. މާއެނބޫދޫ މީހެއް ކަމަށްވާ، އުމުރުން 53 އަހަރުގެ އަހުމަދު ނާޒިމް އަމިއްލައަށް އުފައްދައި ބޭނުންކުރާ މެޝިނެކެވެ. މި މެޝިނުގެ އިތުރުން ކުރުނބާ ފެޅުމަށް ވެސް އޭނާ މެޝިނެއް ބޭނުން ކުރެ އެވެ. އެއީ ވެސް އޭނާގެ އަމިއްލަ އުފެއްދުމެކެވެ.

ނާޒިމް "މިހާރު" އަށް ބުނީ މަސައްކަތް ކުރާއިރު ފަސޭހަ ގޮތުގައި އެކަމެއް ކުރެވޭނެ ގޮތެއް އޮތްތޯ އަބަދުވެސް ބަލާ ކަމަށެވެ. އެގޮތުން، އެއިރެއްގައި ކުރާ މަސައްކަތަކާ ގުޅުންހުރި މެޝިންތައް ހެދުމަކީ އޭނާ އަބަދުވެސް ކުރާ ހިތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުންޏެވެ. މި ދެ މެޝިނަކީ ވެސް ވިސްނުމުގެ ތެރެއިން އުފެއްދި އެއްޗެހި ކަމަށް އޭނާ ބުންޏެވެ.

"އުމުރުން 16 އަަހަރުން ފެށިގެން ވެލްޑިން މަސައްކަތްކުރަން ފަށައިފިން. އަބަދުވެސް މިކަހަލަ ހިޔާލު ގެންގުޅެން. މާރުކޭޓުގައި ކުރުނބާ ވިއްކާތާ ދުވަސްތަކެއް ވެއްޖެ. އެހެންވެ ހިޔާލަށް އައީ މިފަދަ މެޝިނެއް ހަދާނީއޭ،" ނާޒިމް ބުންޏެވެ.
ނާޒިމް ވަނީ މީގެ ކުރިން ދަޅު ފިއްތާ މެޝިނަކާއި ކުނި އަންދާ މެޝިނެއް ވެސް ހަދައިފަ އެވެ. މީގެ ކުރިން އޭނާގެ ގޮޅީގައި ބޭނުންކުރާ އެހެން ބައެއް ތަކެއްޗާއި ގޮޅީގައި މޭވާ އާއި ތަރުކާރީ ބަހައްޓަން ހަދާފައި ހުރި ސްޓޭންޑަކީ ވެސް އޭނާ އަމިއްލަ އުފެއްދުންތަކެވެ.
ކުރުނބާ މެޝިން ބޭނުން ކުރަން ވަރަށް ފަސޭހަ އެވެ. ފުރަތަމަ، މެޝިނުން ކުރުނބާގެ ކޮޅު ބުރިކޮށްލުމަށް ފަހު ފެން ނަގާ މެޝިނުގައި ހުންނަ ފޭރާއެއް ކަހަލަ އެއްޗަށް ކުރުނބާ ހަރާލަނީ އެވެ. އެއިން ކުރުނބާގެ ފެންތައް މެޝިނުގެ ތިރީގައި ބަހައްޓާފައި ހުންނަ ކޫލަރުގެ ތެރެއަށް އެޅެ އެވެ. ދެން އެ މެޝިނުން ކުރުނބާ ނަގައި، ފަޅާ މެޝިން ބޭނުން ކޮށްގެން ކުރުނބާ ފަޅާލައި ހެވާ ނަގަނީ އެވެ.
މެޝިނުން ތިރީހަކަށް ސިކުންތުން ކުރުނބާއެއް ހަދާލެވޭތީ މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ނާޒިމް ބުންޏެވެ.
ނާޒިމް ބުނި ގޮތުގައި މި މެޝިން ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ސާފުތާހިރުކަމާ އެކު ކުރުނބާ ހެދުމެވެ. މިއީ އެ މަންޒަރު ބަލަން އެއްވާ ގިނަ މީހުން ވެސް ބުނާ ވާހަކައެކެވެ. އެންމެނަށް ވެސް އެ މެޝިން ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. ނާޒިމް ބުނީ މެޝިނުން ކުރުނބާ ހަދާތީ ނާޒިމްގެ ގޮޅިއަށް ކުރުނބާ ގަންނަން އަންނަ މީހުންގެ އަދަދު ވެސް އިތުރުވެއްޖެ ކަމަށެވެ.
"ދެ މެޝިން ވެސް ހަދާފައި މިހިރީ އެސްއެސް ބޭނުން ކޮށްގެން. އެހެންކަމުން ވަރަށް ސާފުތާހިރުކަމާ އެކު މިކަން ކުރެވޭ. ވަޅިން ކުރުނބާ ހަދާ ނަމަ އެކަމުގެ ޔަގީންކަމެއް ނޯވޭ. ގޮޅި ވެސް ކިހާ ސާފު،" ކުރުނބާ ވިއްކާ އެހެން ގޮޅިތަކުގައި ފުނިޖަހާފައި ހުންނަ، ކުރުނބާގެ ކުނިތައް ނެތްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
ނާޒިމް ބޭނުންވަނީ މިގޮތަށް މެޝިނު ހެދުން ވެސް ވިޔަފާރިއެއްގެ ގޮތުގައި ކުރާށެވެ. ނަމަވެސް ހާއްސަ އެދުމެއްގެ މަތިން އެފަދަ މެޝިނެއް ހަދައިދެވިދާނެ ކަމަށް އޭނާ ބުންޏެވެ.
ނާޒިމްގެ މަސައްކަތުން މިސާލު ނަގައިގެން މާރުކޭޓުގެ އެހެން ބައެއް ވިޔަފާރިވެރިން ވެސް މެޝިންތައް ތައްޔާރު ކުރެ އެވެ. އޭނާ ހެދި ކުރުނބާ ފަޅާ މެޝިން މިސާލަކަށް ބަލައިގެން އެހެން މީހަކު މިހާރު ވަނީ އެކަހަލަ މެޝިނެއް ހަދައިފަ އެވެ.