ސުޕަ ލީގުގެ ވާހަކަތަކުން ކުޅުންތެރިންނަށް އަސަރުކުރި: ޓުޗެލް
ސުޕަ ލީގުގެ ވާހަކަތަކުން ކުޅުންތެރިންނަށް އަސަރުކުރި: ޓުޗެލް

ލަންޑަން (21 އޭޕްރީލް) - ސުޕަ ލީގުގެ ވަހަކަތަކުގެ ސަބަބުން ޗެލްސީގެ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ޗެލްސީ ވަނީ ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

އެކަމަކު ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރިން ޗެލްސީގެ ހާހެއްހާ ސަޕޯޓަރުން ވަނީ ދަނޑު ކައިރި އަށް އެއްވެ، ސުޕަ ލީގާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިއުންތަކާއެކު، ޗެލްސީ ވަނީ ރޭ ސުޕަ ލީގުން ވަކިވެފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޓުޗެލް ބުނީ މެޗުގެ ކުރިން މުޅިން ވެސް އޮތީ ސުޕަ ލީގުގެ ވާހަކަތައް ކަމަށެވެ. އަދި އެ ވާހަކަތަކުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ.

"ސުޕަ ލީގުގެ ވާހަކަތަކުގެ އަސަރު އަހަންނަށްކުރި. އެހެންވީމަ އަހަރެން ގަބޫލްކުރަނީ ކުޅުންތެރިންނަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމަށް،" ޓުޗެލް ބުންޏެވެ. "އަހަރެން ބެލީ މެޗުން މޮޅުވާނެ ގޮތަކަށް މާހައުލު ބަދަލުކުރެވޭތޯ. އެކަމަކު އެކަމެއް ނުވި. ނަފްސާނީ ގޮތުން ކުޅުންތެރިން ވަރުބަލިވެފައި ތިބިތަން ފެނުނީ."

ލީގުގައި ޗެލްސީ ދެން ކުޅެންޖެހޭ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ފަސް ވަނައިގައި އޮތް ވެސްޓް ހޭމެވެ. މިއީ ގަދަ ހަތަރެއްގެ ރޭހުގައި މި ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. -- އޭއެފްޕީ