21 އެޕްރީލް 2021 - 13:17

ރާއްޖޭގެ އެއްވެސް ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް-19 އިން ރައްކާތެރިވާން ޖަހާ ވެކްސިންގެ ދެ ޑޯޒް އަދި ނުޖަހާ ކަމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވެއްޖެ އެވެ.
ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިން ޖަހާފައިވާ ނަމަ، ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު ދެ ހަފްތާ ފާއިތުވެއްޖެ މީހަކަށް ޕީސީއާރް ޓެސްޓު ނުހަދާ އެ ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. އަދި ރަށަށް ދިއުމަށް ފަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.
ނަމަވެސް އެއްވެސް ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ދެ ޑޯޒް މިހާތަނަށް ޖަހާފައި ނެތުމުން، ވެކްސިންގެ ދެ ޑޯޒް ޖަހާފައި ތިބި މީހުން ވެސް ދަތުރުކުރަން ޖެހޭނީ ޕީސީއާރް ޓެސްޓު ހެދުމަށް ފަހު އެވެ. ނެގެޓިވް ނަތީޖާއެއް ލިބިއްޖެ ނަމަ ކަރަންޓީން ވުމަކާ ނުލާ ދަތުރުކުރެވޭނެ އެވެ.
ދަތުރުކުރުމުގައި ލުއިތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިނީ މިދިޔަ ހަފްތާގަ އެވެ.
މީގެ އިތުރުން އެ ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި ހުރި ނަމަ، ރަށްރަށަށް ދަތުރުކުރެވޭނީ ޕީސީއާރް ޓެސްޓެއް ހެދުމަށް ފަހު، ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ. މާލޭގެ އިތުރުން ހަ ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް މިވަގުތު ހުރީ ފަސް ޕަސެންޓުން މަތީގަ އެވެ.
ކޮވިޑް ފެތުރުން ހުއްޓުވަން 11 ރަށެއް މިވަގުތު ހުރީ އަރާ ފޭބުން މަނާކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން 26،667 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ އިރު މި ވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،793 މީހުންނެވެ. މި ބަލި ޖެހިގެން 71 މީހަކު މަރުވެފައި ވެ އެވެ.