ޗާޑުގެ ރައީސް އަވަހާރަކޮށްލީ ހަނގުރާމައިގެ މައިދާނުން
ޗާޑުގެ ރައީސް އަވަހާރަކޮށްލީ ހަނގުރާމައިގެ މައިދާނުން

އެންޖައިމާނާ (އެޕްރީލް 21) - ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދެއްވުމުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޗާޑުގެ ރައީސް އިދްރީސް ދީބީ އަވަހާރަވެއްޖެ އެވެ.

ޗާޑުގެ ރައީސް އަވަހާރަކޮށްލީ ހަނގުރާމައިގެ މައިދާނުން
ޗާޑުގެ ރައީސް އަވަހާރަކޮށްލީ ހަނގުރާމައިގެ މައިދާނުން

އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ޗާޑުގެ ރައީސް އަވަހާރަކޮށްލާފައިވާ އިރު ހަ ވަނަ ދަައުރަކަށް އޭނާ ހޮވިވަޑައިގެންފައިވާކަން ވޯޓުގެ ނަތީޖާ އިން ވަނީ ޔަގީންވެފަ އެވެ. އެޕްރީލް 11 ވަނަ ދުވަހު ބޭއްވި އިންތިޚާބުން އޭނާ 80 ޕަސެންޓް ހޯއްދަވާފައިވާ ކަމަށް ނަތީޖާތަކުން ދައްކާފައިވެ އެވެ.

ދީބީ، 68، ވަނީ ޗާޑުގެ ވެރިކަމުގައި ތިރީހަކަށް އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާ އަކީ އެފްރިކާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅާ ވެސް މެ އެވެ. ސިފައިންގެ އޮފިސަރެއް ކަމަށްވާ ދީބީ 1990 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ސިފައިންގެ އިންގިލާބެއްގެ ތެރޭންނެވެ.

"ރައީސް ދީބީ އެންމެ ފަހު ނޭވާ ދޫކޮށްލެވީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރެއްވުމުގައި ހުންނަވަނިކޮށް،" ސިފައިންގެ ޖެނެރަލަކު ގައުމީ ޓީވީގައި އިއްޔެ ވިދާޅުވި އެވެ.

ރައީސް ދީބީ ވަނީ ވެރިރަށް އެންޖައިމާނާގެ އުތުރުގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ހަފުތާ ބަންދުގައި ވަޑައިގެންފަ އެވެ. އަވަހާރަވީ ހަނގުރާމައިގެ މައިދާނުން އެރި ހަމަލާތަކެއްގަ އެވެ.

ދީބީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ.

ކުރިއަށް އޮތް 18 މަސް ދުވަހު ޗާޑުގެ ވެރިކަން ހިންގާނީ އަސްކަރީ ކައުންސިލަކުންނެވެ. އެ ކައުންސިލުގެ ވެރިއަކީ ހަތަރު ތަރީގެ ޖެނެރަލް އަދި ރައީސް ދީބީގެ ދަރިކަލުން 37 އަހަރުގެ މަހާމަތު އިދްރީސް ދީބީ އެވެ. އެ ކައުންސިލުގައި ސިފައިންގެ 15 ޖެނެރަލުން ހިމެނެ އެވެ. އަށާރަ މަހުގެ އިންތިގާލީ މުއްދަތު ނިމުމުން މިނިވަން އިންތިޚާބެއް ބާއްވާނެ ކަމަށް ސިފައިން ބުނެފައިވެ އެވެ.