ވަކި ކުޅުންތެރިންތަކަކަށް ފޭވާ ނުކުރަން: ނިސްތާރު
ވަކި ކުޅުންތެރިންތަކަކަށް ފޭވާ ނުކުރަން: ނިސްތާރު

ވަކި ކުޅުންތެރިޔަކަށް އޭނާ ފޭވާކޮށް، މެޗުން ފުރުސަތު ދޭން ޖެހޭ ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ފަހު ގުރީންގެ ޓީމާ ހަވާލުވުމުގެ ކުރިން، ނިސްތާރު މަސައްކަތް ކުރީ ލީގުގައި ކުރިން ކުޅުނު ށ. ފޯކައިދު އާއި އއ. މާޅޮސް ޓީމުގަ އެވެ. އެ ދެ ކުލަބުގައި އޭނާ މަސައްކަތް ކުރިއިރު ވެސް އޭނާ އާ އެކުގައި މަސައްކަތް ކުރާ ވަކި ކުޅުންތެރިންގެ ޓީމެއް އޮވެ އެވެ. ކޮންމެ ޓީމަކަށް ނިސްތާރު ބަދަލުވިއަސް އެ ކުޅުންތެރިން އޭނާއާ އެކު އެ ޓީމަށް ގެންދެ އެވެ.

އެހެންނަމަވެސް ނިސްތާރު ބުނަނީ، ވަކި ކުޅުންތެރިޔަކަށް ވީތީ މެޗުން ފުރުސަތު ނުދޭނެ ކަމަށެވެ. މިދިޔަ މެޗުތަކުގައި ނިސްތާރު ވަނީ އަންސަރު އިބްރާހިމަށް ގިނަ ފުރުސަތުތަކެއް ދީފަ އެވެ. އެހެން ނަމަވެސް ލަނޑު ޖެހުމުގައި އޭނާ އަށް ވަނީ މައްސަލަ ކުރިމަތިވެފަ އެވެ. އެ މައްސަލަ ދިމާވެފައިވާއިރު ވެސް އޭނާއަށް ފުރުސަތު ދެނީ އޭނާއަށް ފޭވާ ކުރުމުގެ ގޮތުންތޯ ސުވާލުކުރުމުން، ނިސްތާރު ބުނީ އެއްވެސް ކުޅުންތެރިޔަކަށް އޭނާ ފޭވާ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ކުޅުންތެރިޔަކަށް (އަޅުގަނޑު) ފޭވާ ކުރާ ކަމަކަށް،" ނިސްތާރު ބުންޏެވެ.

އެޓޭކިން ޑިޕާޓްމެންޓްގައި އަންސަރު މިހާރު ކުޅޭ މަގާމަށް ކުރިން ކުޅުނީ ސްޕެއިންގެ ފޯވަޑް އޭންޖަލް ކަރެސްކޯސާ މުނޯޒް އެވެ. މި ވަގަތު އޭނާ ހުރީ އަނިޔާގަ އެވެ. ނިސްތާރު ބުނީ އޭންޖަލް ކުޅޭ މަގަމަށް ކުޅެން ތިބީ އަންސަރުގެ އިތުރުން މުހައްމަދު މުސްލިހް (މުއްޓި) ކަމަށެވެ. އެ ދެ ކުޅުންތެރިންގެ ތެރެއިން ބޮޑަށް ފޯމުގައި ހުރި ކުޅުންތެރިޔަކީ އަންސަރު ކަމަށް ނިސްތާރު ބުންޏެވެ.

މާޒިޔާ އާއި ގުރީން ކުޅޭ މެޗު އޮންނާނީ މިރޭ 10 ޖާހާއިރު އެވެ. ފުރަތަމަ ބުރުގައި މާޒިޔާ އިން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގުރީން ބަލިކޮށްފަ އެވެ. ނިސްތާރު ބުނީ އެ މެޗުގައި ވީގޮތް އަދިވެސް ހަނދާން އެބަހުރި ކަމަށެވެ. އެ ދުވހަކީ ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ގެއްލުނު ދުވަހެއްގެ ގޮތުގައި ނިސްތާރު ފާހަގަ ކުރި އެވެ.