އަކްޝޭއާ ރައްޓެހިވީ މަޖަލަކަށް: ޓްވިންކަލް
އަކްޝޭއާ ރައްޓެހިވީ މަޖަލަކަށް: ޓްވިންކަލް

އަކްޝޭ ކުމާރާ ރައްޓެހިވީ މަޖަލަކަށް ކަމަށާއި އެކަމަކު އެ ގުޅުން ސީރިއަސްވެ ކައިވެންޏާ ހިސާބަށް ދާން މެދުވެރި ގޮތެއް ނޭނގޭ ކަމަށް އަކްޝޭގެ އަނބިމީހާ ޓްވިންކަލް ކަންނާ ބުނެފި އެވެ.

"ކޮފީ ވިތު ކަރަން"ގެ ޝޯއެއްގައި އަކްޝޭއާ އެކު ބައިވެރިވަމުން ޓްވިންކަލް ބުނީ އަކްޝޭއާ ރައްޓެހިވީ ސީރިއަސް ގުޅުމަކުން ގުޅެން ބޭނުންވެގެނެއް ނޫން ކަމަށާއި 15 ވަރަކަށް ދުވަހު ރައްޓެހިވެގެން އުޅެލުމަށް ފަހު ރުޅިވާން ކަމަށެވެ. ނަމަވެސް އެ ގުޅުން އެހާ ސީރިއަސް ވީއިރެއް ޚުދް އޭނާއަށް ވެސް ނޭނގޭ ކަމަށް ޓްވިންކަލް ބުނެފައިވެ އެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު މީހަކާ ރުޅިވެ އެ ދުވަސްވަރު އަހަރެން ހުރީ ވަރަށް ހިތްދަތިކަމެއްގައި. އެހެންވެ ހިތަށް އެރީ ހަ ފޫޓުގެ މި އިންސާނާއާ ރައްޓެހިވެލައިގެން 15 ވަރަކަށް ދުވަހު މަޖާކޮށްލާނިއްޔޭ. ނަމަވެސް ގުޅުން ސީރިއަސްވެ ކައިވެންޏާ ހަމައަށް ދިޔައީ،" ޓްވިންކަލް ބުނެފައިވެ އެވެ.

ޓްވިންކަލް ބުނި ގޮތުގައި އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "މޭލާ" ހިނގާ ގޮތް ނުވުމުން އަކްޝޭއާ ކައިވެނި ކުރަން ނިންމީ އިތުރަށް ފިލްމުގެ ޝައުގުވެރިކަން ގެއްލުމުންނެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން އަކްޝޭ އޮތީ ކައިވެންޏަށް އެދިފަ އެވެ. އެހެންވެ ފިލްމު ނުހިނގުމުން ވީފޫހިން ކައިވެނި ކުރީކަމަށް ޓްވިންކަލް ބުންޏެވެ.

އަކްޝޭ އާ ކައިވެނި ކުރަން ޓްވިންކަލް ބޭނުންވާކަން އޭނާގެ މަންމަ ޑިމްޕަލް ކަޕާޑިއާ ގާތު ބުނުމުން ފުރަތަމަ އެކަމާ ދެކޮޅު ހެދިކަމަށް ޓްވިންކަލް ބުންޏެވެ. ނަމަވެސް މަންމަ ހީކުރި ވަރަށް ވުރެ އަކްޝޭ ވެފައިވަނީ ރަނގަޅު ދަނބިދަރިއަކަށް ކަމަށް ޓްވިންކަލް ބުންޏެވެ.

މިހާރު އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމަފިރިންނަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ. ދޮށީ ފިރިހެން ދަރިފުޅު އާރަވް އަށް މިހާރު 13 އަހަރު ފުރިފައިވާއިރު ހަގު ދަރިފުޅު ނިތާރާއަށް ހަތަރު އަހަރެވެ.

ޓްވިންކަލް އަކީ އެކްޓަރެއްގެ އިތުރުން ކުޅަދާނަ ލިޔުންތެރިއެކެވެ. ޓައިމްސް އޮފް އިންޑިއާއަށް އޭނާ ކޮންމެ ހަފުތާއަކު ލިޔާ މިސިޒް.ފަނީބޯންސް ބްލޮގަކީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު ބްލޮގެކެވެ. އެ ބްލޮގްގައި އޭނާ ލިޔެފައި ހުންނަ މަޖާ ވާހަކަތަކުން އޭނާގެ ސަކަ މިޒާޖާއި ކޮންމެ އެއްޗެއްވެސް ދިމާލަށް ބުނެލަން ކެރޭ ކަން ފާހަގަކޮށްލެވެ އެވެ.