21 އެޕްރީލް 2021 - 12:40

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލީގު، އިނގިރޭސި ޕްރިމިއާ ލީގުގައި ވޮލްޑޯފް އެސްޓޯރިއާ އިތާފުށި- ޕްރައިވެޓް އައިލެންޑް އިޝްތިހާރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ލިވަޕޫލާއި ލީޑްސް ކުޅުނު މެޗުގައި އިތާފުށީގެ ނަން ވަނީ ލީޑްސް ދަނޑުގެ ލެޑް ސްކްރީންތަކުން ދައްކާލައިފަ އެވެ.
އިތާފުށި ރިސޯޓުގެ ނަމާ އެކު، އެ ރިސޯޓުގެ ލަގްޒަރީ ކަމާއި ޕްރައިވެސީއާ ގުޅޭ ހާއްސަ މެސެޖެއް ވެސް އަރުވާފައިވެ އެވެ. މީގެ ކުރިން ލީޑްސް އާއި ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗެއްގައި ވެސް އެ ރިސޯޓު އިޝްތިހާރުކޮށްފައިވެ އެވެ.
އިތާފުށި ރިސޯޓުން ބުނީ ވޮލްޑޯޕް އެސްޓޯރިއާ އިން ފުޓްބޯޅަ ކްލަބްތަކުގައި އުޅޭ ކުޅުންތެރިން ޗުއްޓީ އަށް ގެންނަން ހާއްސަ އިސްކަމެއްދޭ ކަމަށެވެ. މިގޮތަށް އިޝްތިހާރުކުރުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް އެ ރިސޯޓުން ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި ވެސް އެ ރިސޯޓަށް މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިން ޒޔާރަތް ކޮށްފައިވެ އެވެ. ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސާމީ ކަދީރާ އާއި ބްރެޒިލްގެ ޕޯލީނިއޯގެ އިތުރުން ފްރާންސްގެ ޕެޓްރިކް އެވްރާ އާއި ޖެރާޑް ޕީކޭ ފަދަ ކުޅުންތެރިން އޭގެ ތެރޭގައި ހިމެނެ އެވެ.
މިއީ ރާއްޖޭގެ ރިސޯޓެއް އިނގިރޭސި ޕްރިމިއަ ލީގުގައި އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ. އިތާފުށި ރިސޯޓުގެ އަމާޒަކީ އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ވެސް އެ ރިސޯޓް އިޝްތިހާރު ކުރުމެވެ.
މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ އެންމެ މަތީ ފެންވަރުގެ ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގައި 121 ވިލާ ހުރެ އެވެ. މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އާއި މެދުއިރުމަތީގެ ވިޔަފާރިވެރިޔަކު ގުޅިގެން ތަރައްގީކުރި ރިސޯޓެކެވެ. މި ރިސޯޓު ހިންގަމުން އަންނަނީ މަޝްހޫރު ހިލްޓަން އިންނެވެ.