22 އެޕްރީލް 2021 - 13:17

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑްކުރި މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރަމްގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.
އަންހެން މުވައްޒަފަކަށް އޭނާ ފޮނުއްވި ބައެއް މެސެޖުތަކާ އެކު ކުންފުނީގެ ބޯޑަށް އިކްރަމްގެ މައްސަލަ ހުށަހަޅައި ބޯޑުން އޭނާ ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. އެކަމަކު، އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް ވިދާޅުވެ، މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފުލުހުން މިއަދު ބުނީ، މޯލްޑިވް ގޭސް ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް އިކްރަމް، ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރިއިރު، އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތްތަކުގައި ކަން ހިންގާފައިވާ ގޮތަށް ބެލިއިރު، ޖިންސީ ފުރައްސާރަކުރި ކަމަށް ބެލެވެން ނެތް ކަމަށެވެ.
މައްސަލަ ހުށަހެޅި ސަބަބުތަކާއި ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، އެއީ ޖިނާއީ ދައުވާކުރުމަށް އިތުރަށް ތަހުގީގު ކުރިއަށް ގެންދަންޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަންހެން މުވައްޒަފަކަށް މެސެޖު ކުރައްވައި އަދި ދިމާވުމުން ފޮށި ހަދާ ކަމަށް ތުހުމަތު ކުރާ މައްސަލަ، މީގެ ކުރިން އިކްރަމް ވަނީ ދޮގުކުރައްވައިފަ އެވެ.