16 ނޮވެމްބަރ 2016 - 15:23

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ޕޮލިސް ކްލަބުން މިރޭ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ދެކޮޅަށް ނުކުންނާނެ އެވެ.
މިރޭގެ މެޗާ ކުރިމަތިލާއިރު ޕޮލިސް ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. މޯލްޑިވިއަން އާއި ފުވައްމުލަކު މިސްކިތްމަގު ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފިސްޑާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅޭ މެޗުން ކޮންމެ ނަތީޖާއަކުން ޕޮލިސް މޮޅުވިޔަސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. މިރޭ މޯލްޑިވިއަން އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ތިން ސެޓުން މޮޅުވެގެންނެވެ. އޭރުން ވެސް މޯލްޑިވިއަން އާއި ޕޮލިސް ޕޮއިންޓުގެ ގޮތުން ހަމަހަމަވެ ޗެމްޕިއަން ޓީމެއް ކަނޑައަޅާނީ ދެ ޓީމުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ.
އަދި މިރޭ މޯލްޑިވިއަން މޮޅުވެ، އަދި މިއަދު ހަވީރު ފިސްޑާ އަތުން މިސްކިތްމަގު މޮޅުވެއްޖެ ނަމަ އެ ޓީމާއި ޕޮލިސް އަދި މޯލްޑިވިއަން ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ލީގު ޗެމްޕިއަންކަން ކަނޑައެޅޭނީ ތިން ޓީމުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ. އެގޮތުން ވެސް ފުރުސަތު ބޮޑީ ޕޮލިހަށެވެ.
ލީގަށް ފަހު ދެން ފަށާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ހޮވިފައިވަނީ ޕޮލިހާއި މޯލްޑިވިއަންގެ އިތުރުން މިސްކިތްމަގާއި ފިސްޑާ އެވެ. ލީގުގައި ދެން ވާދަކުރި އިހަވަންދޫ ކްލަބް ޕޯލްސްޓާ ވަނީ ގަދަ ހަތަރެއްގެ ތެރޭ ނުހިމެނި ގައުމީ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ.