21 އެޕްރީލް 2021 - 11:28

މެންޗެސްޓާ (21 އޭޕްރީލް) - މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި އެޑް ވުޑްވާޑް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވައިސް ޗެއާމަން ކަމުން އިސްތިއުފާ ދެއްވި ނަމަވެސް މި އަހަރު ނިމެންދެން އޭނާ ކުލަބުގައި ދެމިހުންނަވާނެ އެވެ.
ވުޑްވާޑް، 49 ކުލަބު ދޫކޮށްލަން ނިންމީ އެ މަގާމުގައި އަށް އަހަރު ހޭދަ ކުރެއްވުމަށް ފަހު އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވުޑްވާޑް މަގާމުން އިސްތިއުފާ ދިނީ، ޔުނައިޓެޑް ސް ހިއްސާ ވެގެން އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގު ޕްރޮޖެކްޓް ނާކާމިޔާބު ވުމުންނެވެ. ސުޕަ ލީގު އުފައްދަން ސޮއިކުރި އިނގިރޭސި ހަ ކުލަބުން ވެސް މިހާރު ވަނީ އެ މުބާރާތުން ވަކިވެފަ އެވެ. ނަމަވެސް ޔުނައިޓެޑްގެ އޮފިޝަލަކު ދި ގާޑިއަން ނޫހަށް ބުނެފައި ވަނީ ވުޑްވާޑްގެ ނިންމެވުމާއި ސުޕަ ލީގުގެ ނާކާމިޔާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ވުޑްވާޑް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އޭނާ މަގާމުގައި ހުންނެވި އިރު ޔުނައިޓެޑުގެ ސްކޮޑު ބިނާ ކުރަން އެއް ބިލިއަނެއްހާ ޕައުންޑް ހޭދަ ކުރައްވާފައި ވާނެ ކަމަށެވެ. އަދި އޭނާ ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުރެ، ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމަށް ވުޑްވާޑް ވިދާޅުވި އެވެ.
"ނަމަވެސް މިހާރު އަހަރެމެން ކުލަބަށް ގެނެސްފައިވާ ބަދަލުތަކުން ކައިރި ކުރިމަގެއްގައި ޕްރިމިއާ ލީގު ހޯދޭނެ ކަން އެއީ ޔަގީން ކަމެއް،" ވުޑްވާޑްގެ ބަޔާނުގައި ވިދާޅުވެފައި ވެފައި ވެއެވެ.
ޔުނައިޓޭޑްގެ ކޯ ޗެއާމަން ޖޮއެލް ގްލޭޒާ ވިދާޅުވީ، އެ ކުލަބަށް ވުޑްވާޑް ހިދުމަތް ކޮށްދެއްވާފައި ވަނީ ވަރަށް ފުރހަމަ ގޮތެއްގައި ކަމަށެވެ. އަދި ޔުނައިޓެޑަށް ޓަކައި ވުޑްވާޑް ވަރުބަލި ކަމެއް ނެތި ވަގުތު ހުސްކޮށްފައިވާކަން ގްލޭޒާ ފާހަގަ ކުރެއްވި އެވެ.
ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ކަމަށް ވުޑްވާޑް އައްޔަން ކޮށްފައި ވަނީ މެއި 2013 ގަ އެވެ. އެއީ އޭރު ކުލަބު ހިންގުމުގައި އުޅުއްވި ޗީފް އެގްޒެކެޓިވް ޑޭވިޑް ގިލް، އެލްކްސް ފާގަސަންއާ އެކު ކުލަބު ދޫކޮށްލުމުންނެވެ.