21 އެޕްރީލް 2021 - 09:31

މިޔުނިކް (21 އޭޕްރީލް) - އާމިނިއާ ބިލެފީލްޑް އަތުން 1-0 އިން ބަލިވެ، ބުންޑެސްލީގާގައި 33 އަހަރު ތެރޭ ޝާލްކޭ ފުރަތަމަ ފަހަރަށް ރެލިގޭޓް ވެއްޖެ އެވެ.
ލީގުގައި އެ ޓީމަށް ބާކީ ހަތަރު މެޗު އޮތް އިރު، ޝާލްކޭ އޮތީ ރެލިގޭޝަންގެ ޕްލޭއޮފްއާ 13 ޕޮއިންޓް ދުރުގަ އެވެ. ޝާލްކޭއަށް މިހާތަނަށް ލީގުގައި މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ.
މެޗުގެ 50 ވަނަ މިނެޓްގައި ފަބިއަން ކްލޯޒް، ބިލެފީލްޑް އަށް ލީޑް ނަގައިދިނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ޝާލްކޭއަށް ތަނަވަހެއް ނުކުރެވުނެވެ. އެ ޓީމަށް އިތުރު މައްސަލައެއް ކުރިމަތިވީ މެޗުގެ 71 ވަނަ މިނެޓްގައި ޑިފެންޑަރު މަލިކް ޓިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ 80 ވަނަ މިނެޓްގައި ބިލެފީލްޑްއަށް ލިބުނު ޕެނަލްޓީ ފަބިއަން ކްލޯޒް ފޮނުވާލުމުން ސެވިއްޔާގެ ކީޕަރު ރާލްފް ފަހްރުމަން އެ ބޯޅަ ދިފާއު ކުރި ނަމަވެސް ޝާލްކޭ ރެލިގޭޝަނުން ސަލާމަތެއް ނުކުރެވުނެވެ.
މެޗުގެ ފަހު ކަށިގަނޑާ އެކު ޝާލްކޭގެ ކުޅުންތެރިންނަށް ވަރަށް ބޮޑު މާޔޫސް ކަމެއް ކުރިމަތި ވި އެވެ. ބައެއް ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައިރު ތިބީ ފެންކަޅިވެފަ އެވެ.
"މިއީ ޝާލްކޭގެ ސަޕޯޓަރުންނަށް ވަރަށް ހިތްދަތި ވަގުތެއް،" ސީޒަންގައި ޝާލްކޭގެ ފަސް ވަނަ ކޯޗްގެ ގޮތުގައި މިދިޔަ މަހު ޓީމާ ހަވަލުވި ޑިމިޓްރިއޯސް ގްރެމޯޒީސް މެޗަށް ފަހު ބުންޏެވެ. "އަހަރެމެން މިތިބީ ވަރަށް ބޮޑަށް ހިތްދަތި ވެފައި. އެއީ އަހަރެމެންނަށް އެނގޭ ދެ ވަނަ ޑިވިޝަނަށް ދާން ޖެހުނީކަން. މި ހިތްދަތި ކަމުގައި ވެސް ކުރިއަށް ހުރި މެޗުތަކުން މެޗެއް ކާމިޔާބުކޮށް ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ހޯދައިދޭން މަސައްކަތް ކުރާނަން."
ޖަރުމަންގެ ސަޕޯޓަރުން އެންމެ ގިނަ އެއް ކުލަބުގެ ގޮތުގައި މަޝްހޫރުވެފައިވާ، ޝާލްކޭ ވަނީ 1997 ގައި ޔޫއެފާ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި 2011 ގައި ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. ބުންޑެސް ލީގާ 1963 ގައި ތައާރަފް ކުރި ފަހުން ޝާލްކޭއަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ބަޔާން ލެވަކޫސަންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވާޅަކާ ގާތަށް ބަޔާން މިޔުނިކް ޖެހިލައިފި އެވެ. ބަޔާންގެ ލަނޑުތައް ކާމިޔާބު ކުރީ އެރިކް މެކްސިމް ޗުޕޯ މޯއިންގް އަދި ޖޯޝުއާ ކިމިޗް އެވެ.
ޖެހިޖެހިޖެގެން ނުވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކން ހޯދަން ބަޔާން އަށް ދެން ބޭނުން ވަނީ އެންމެ މެޗެކެވެ. މައިންޒް އާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުން މޮޅުވެގެން ބަޔާން އަށް ޗެމްޕިއަންކަން ހޯދޭނެ އެވެ.
ދެ ވަނައިގައި އޮތް ރެޑްބުލް ލައިޕްޒިގް 2-1 ން އެފްސީ ކޯން އަތުން ބަލިވުމުން ބަޔާން އާ ލައިޕްޒިގް އާ ދެމެދު މިހާރު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބަހުއްޓެވެ.