21 އެޕްރީލް 2021 - 03:56

ޔޫރަޕްގެ ބޮޑެތި ކްލަބުތައް އެއްވެގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުން އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ ކްލަބެއް ވަކިވެއްޖެ އެވެ.
ޔޫރަޕްގެ އެންމެ ބޮޑެތި 12 ކްލަބުން ޔޫރަޕިއަން ސުޕަ ލީގެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް މި ހަފުތާގައި އިއުލާންކުރުމާއެކު، ޔުއޭފާ އާއި ފީފާގެ އިންޒާރުތައް އެ ކްލަބުތަކަށް ވަނީ އަމާޒުވެފަ އެވެ. އަދި މިކަމާ ގުޅިގެން، ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ނުރުހުމާއި ފާޑުކިއުންތައް ވަނީ ކްލަބުތަކަށް އަމާޒުވެފަ އެވެ. މީގެ އިތުރުން، ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ސުޕަ ލީގަށް ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.
ސުޕަ ލީގުގައި ބައިވެރިވާން ނިންމި ކްލަބުތަކަށް އަމާޒުވަމުންދިޔަ ފާޑުކިއުންތަކާ ގުޅިގެން، އެންމެ ފުރަތަމަ އެ ލީގުން ވަކިވީ މެންޗެސްޓާ ސިޓީ އެވެ. އެކަމަކު ސުޕަ ލީގުގައި ދެން ޕްރިމިއާ ލީގުން ބައިވެރިވި ޗެލްސީ އާއި އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓަޑް ވެސް ލީގުން ވަކިވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ޔުނައިޓަޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބު ސުޕަ ލީގުން ވަކިވާން ނިންމީ "ސަޕޯޓަރުންނާއި އިނގިރޭސިވިލާތުގެ ސަރުކާރާއި މުހިންމު ސްޓޭކްހޯލްޑަރުންގެ އަޑުތައް އެހުމަށް ފަހު،" ކަމަށެވެ.
އާސެނަލް އިން ވަނީ ސުޕަ ލީގުގައި ބައިވެރިވާން ނިންމުމާ ގުޅިގެން، އެ ކްލަބުގެ ސަޕޯޓަރުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ. އަދި ސުޕަ ލީގުން ވަކިވާން ނިންމީ " އެ ކްލަބުގެ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ކޮމިއުނިޓީ"ގެ އަޑު އެހުމަށް ފަހު ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބުގެ އިތުރުން، ސުޕަ ލީގުގައި ބައިވެރިވުމަށް ދެން އެއްބަސްވީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނަކީ ވެސް ސުޕަ ލީގުގެ ފައުންޑާ މެމްބަރުންނެވެ.
ސުޕަ ލީގެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާންކުރުމާއެކު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކްލަބުތަކުން ނިންމައިފި ނަމަ، އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ވެސް ކްލަބުތަކުން ކުރިމަތިލާން ތައްޔާރުވާންޖެހޭނެ ކަމަށެވެ. -- އޭއެފްޕީ