21 އެޕްރީލް 2021 - 02:42

ޔުއޭފާ އާއި ފީފާގެ އިންޒާރުތަކާއި، ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން މެންޗެސްޓާ ސިޓީ ޔޫރަޕިއަން ސުޕަ ލީގުން މިރޭ ރަސްމީކޮށް ވަކިވެއްޖެ އެވެ. އަދި ޗެލްސީ ވެސް ސުޕަ ލީގުން ވަކިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޔޫރަޕްގެ އެންމެ ބޮޑެތި 12 ކްލަބުން ޔޫރަޕިއަން ސުޕަ ލީގެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް މި ހަފުތާގައި އިއުލާންކުރުމާއެކު، ޔުއޭފާ އާއި ފީފާގެ އިންޒާރުތައް އެ ކްލަބުތަކަށް ވަނީ އަމާޒުވެފަ އެވެ. އަދި މިކަމާ ގުޅިގެން، ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ނުރުހުމާއި ފާޑުކިއުންތައް ވަނީ ކްލަބުތަކަށް އަމާޒުވެފަ އެވެ. މީގެ އިތުރުން، ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ސުޕަ ލީގަށް ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.
ސިޓީން ވަނީ ސުޕަ ލީގުން އެ ކްލަބު ވަކިވެފައިވާ ކަމަށް މިރޭ އިއުލާންކޮށްފަ އެވެ.
ޔުއޭފާގެ ރައީސް އެލްކްޒަންޑާ ޝެފެރިން ވަނީ ސިޓީގެ ނިންމުމަށް މަރުހަބާ ދަންނަވައިފަ އެވެ.
"ޔޫރަޕްގެ ފުޓްބޯޅަ އާއިލާ އަށް އެނބުރި އައި ސިޓީ އަށް އުފަލާއެކު މަރުހަބާ ކިޔަން،" ޝެފެރިން ވިދާޅުވި އެވެ. "މިއީ ސިޓީން ވަރަށް ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެއް."
ސިޓީގެ ފަހަތުން، ޗެލްސީ ވެސް ޔޫރަޕިއަން ސުޕަ ލީގުން ވަކިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ކުރިން އެ ކްލަބު ހާހެއްހާ ސަޕޯޓަރުން ވަނީ ޗެލްސީގެ ސްޓޭޑިއަމް ދޮށަށް އެއްވެ، ނުރުހުން ފާޅުކޮށްފަ އެވެ. ޗެލްސީގެ ސަޕޯޓަރުން އެ ކްލަބުގެ ސްޓޭޑިއަމް ދޮށަށް އެއްވިތާ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި، ސުޕަ ލީގުން ވަކިވުމުގެ މަސައްކަތް ޗެލްސީން ފަށައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
ޗެލްސީ އާއި ސިޓީގެ އިތުރުން، ޕްރިމިއާ ލީގުގެ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓަޑާއި އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ ސުޕަ ލީގުގައި ބައިވެރިވެފަ އެވެ. މީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނަކީ ވެސް ސުޕަ ލީގުގެ ފައުންޑާ މެމްބަރުންނެވެ.
ސުޕަ ލީގެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާންކުރުމާއެކު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކްލަބުތަކުން ނިންމައިފި ނަމަ، އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ވެސް ކްލަބުތަކުން ކުރިމަތިލާން ތައްޔާރުވާންޖެހޭނެ ކަމަށެވެ. -- އޭއެފްޕީ