މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!
މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!

މާ ދުރުން ވެސް އޭނާ އަށް އިވެމުން އައި އަޑަކީ މަސްވެރިކަމަކީ އާދައިގެ މަސައްކަތެއް ކަމެވެ؛ މަހަށް ދާނީ އާދައިގެ މީހުންނެވެ. މަސްވެރިކަމަކީ ބުރަ ކަމެކެވެ؛ ނުކިޔަވައިފިއްޔާ ދާން ޖެހޭނީ މަހަށެވެ؛ މަހަށް ދާނެ ކަމެއް ނެތެވެ؛

މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!
މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!

ދިވެހި މަސްވެރިކަމުގެ މޫނުމަތި ބަދަލުކޮށްލި "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން މަސްވެރިކަމުގެ އުހަށް އެރީ ވެސް މި ވާހަކަތަކުގެ ތެރެއިންނެވެ. އެއިން އެއްވެސް ވާހަކައަކަށް އޭނާ ޖެހިލުމެއް ނެތެވެ.

މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!
މަސްވެރިކަން ސްޓައިލްގައި؛ ގަތް ލަދު، ތަދު ފިލުވާލައިފި!

ގއ. ގެމަނަފުއްޓަށް އުފަން 23 އަހަރުގެ ސާޖިން އަކީ މިހާރު އާދައިގެ ނަމެއް ނޫނެވެ. އެއަށް ވުރެ އޭނާގެ ނަން މުޅި ރާއްޖޭގައި ވެސް މަޝްހޫރެވެ. މަސްވެރިކަން ކުރިއެރުވުމަށް އޭނާ ކުރާ މަސައްކަތަށް އެންމެންގެ ތައުރީފު އޮހެނީ އެވެ.

މަސްވެރިކަމަށް ސާޖިން ވެސް ނުކުތީ ހަމަ އެ ބަދު ބަސްތަކުގެ ތެރޭގަ އެވެ. އޭނާއަކީ މަސްވެރިއެކޭ ބުނުމުން، ރައްޓެހިންނާއި ޓީޗަރުން އަދި ކުރީގެ ލޯބިވެރިޔާގެ ފަރާތުން ވެސް އިވުނީ މަލާމާތުގެ ބަސްތަކެވެ. އެހެންވެ މީހުން ކައިރީގައި އޭނާއަކީ މަސްވެރިއެކޭ ބުނަން ލަދުގަތެވެ. މަސްވެރިއެކޭ ބުނުމުގެ ބަދަލުގައި އޭނާ ދެން ބުނަން ފެށީ އޭނާ މަސައްކަތް ކުރަނީ ރިސޯޓެއްގައި ކަމަށެވެ.

"ޓީޗަރުން ވެސް ބުނާނެ މަހަށް ގޮސްގެން ކޮންކަމެއްހޭ ކުރާނީ. ރައްޓެހިން ވެސް އެއްޗެހި ކިޔާނެ މަހަށް ދާތީ. އޭރު ދެން މީހަކާ ދިމާވިޔަސް މަސްވެރިއެކޭ ބުނަން ލަދުގަތް. އެކަމަކު ފަހުން ހިތަށް އެރީ މިއީ ވަކި ހަޑި ކަމެއް ނޫނޭ ކުރަން،" ސާޖިން ބުންޏެވެ.

ނަމަވެސް ސާޖިން އަށް ޓީޗަރުންނާއި ލޯބިވެރިޔާ އަދި ރައްޓެހިންގެ މަލާމާތުން ފަހުން ލިބުނީ ހިތްވަރެވެ. އޭނާ ބޭނުންވީ އެ ވިސްނުން ބަދަލުކޮށް އެ މީހުންގެ ފާޑުކިޔުންތަކަށް ރައްދު ދޭށެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާހެން، އޭރު އޭނާ އެ ގަތް ލަދު މިހާރު ހުރިހާ ތަދެއް ފިލުވާލައިފި އެވެ. މުޅި ދުނިޔޭގެ ކުރިމައްޗަށް އޭނާ މިހާރު ހުއްޓި އެ ހުރީ "ތިމަންނާ އަކީ މަސްވެރިއެކޭ" ބުނަމުންނެވެ.

"ޒުވާން މަސްވެރިޔާ"ގެ ވިސްނުން ހުރީ ހަމައެކަނި ދޯންޏަކަށް އަރައިގެން މަހަށް ދާން އެކަންޏެއް ނޫނެވެ. އޭނާ ބޭނުންވީ އޭނާ ކުރާ މަސައްކަތް އާންމުންނަށް ވެސް ދައްކާށެވެ. ޒަމާނީ ވަސީލަތްތަކާ އެކު، ޓެކްނޮލޮޖީގެ އެހީގައި އޭނާގެ ކަނޑުމަތީގެ ހަރަކާތްތައް އޮފީސްތަކަށާއި ގޭގެ ސިޓީންރޫމްތަކަށް ފޯރުކޮށްދޭން ފެށި އެވެ. މަސްވެރިކަމާ ބެހޭ ވީޑިއޯތައް އޭގެ ސްޓައިލްގައި އޭނާ ދައްކަން ފެށި އެވެ. އެހެން މަސްވެރިން ދޯނިފަހަރުގައި އުޅޭ ގޮތްތަކާއި ގުދުރަތީ ރީތި މަންޒަރުތައް އޭނާ ޓްވީޓްކުރަން ފެށި އެވެ. މިއީ އާންމުންގެ ސަމާލުކަން އޭނާ އަށް ލިބި، ޒުވާން މަސްވެރިޔާގެ ލަގަބު އޭނާ އަށް ލިބުނު އެންމެ މުހިންމު މަސައްކަތެވެ. އެކަމަކު އޭނާ އެކަން ކުރީ ފަަސޭހަކޮށެއް ނޫނެވެ.

އެންމެ ފުރަތަމަ މަސްވެރިކަމާ ގުޅޭ ވީޑިއޯތައް ހަދަން އޭނާ ފެށިއިރު ހުރިހާ ހަރަދެއް ވެސް ކުރަން ޖެހުނީ އަމިއްލައަށެވެ. އެހެންވެ މާލީ ގޮންޖެހުންތަކާ އޭނާއަށް ކުރިމަތިވި އެވެ. މަހަށް ގޮސްގެން ލިބޭ ފައިސާގެ ބޮޑުބައި ހަރަދު ކުރަނީ ވީޑިއޯގެ މަސައްކަތަށެވެ.

ސާޖިން އަކީ މިހާރު އުރީދޫގެ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރެވެ. އެހެންވެ އޭނާ ވީޑިއޯތައް ހެދުމުގައި އެ ކުންފުނިން އޭނާއަށް އެހީވެ އެވެ. އަދި ރާއްޖޭގެ މަސް ކުންފުންޏެއް ކަމަށްވާ އެންސިސް އިން ވެސް އޭނާއަށް މިކަމުގައި މިހާރު ވަރަށް ބޮޑު އެހީތެރިކަމެއް ދެ އެވެ.

"މިހާތަނަށް ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ހުންނާނެ ހަރަދުވެފަ ހަމައެކަނި މިކަމަށް. ކުންފުނިތަކުން އެހީވާތީ މިހާރު ވެސް މިކުރެވެނީ،" ސާޖިން ކިޔައިދިނެވެ.

"މަހަށް ދަންޏާ ރަނގަޅަށް ވީޑިއޯއެއް ނުކުރެވޭ. އެހެންވެ ވީޑިއޯ ކުރާ ދުވަހެއްގައި މުޅިންހެން އެކަމުގަ އުޅެނީ. މަސް ބާނަމުން ވެސް ވީޑިއޯކުރަން. އެކަމަކު އެކަމަށް ހުސްކުރާ ދުވަސްތަކުގައި ވެސް އެ ގެއްލެނީ ލާރި. އެކަމަކު ހަމަ މިކަމަށް އޮތް ލޯތްބަކާއި މިކަން ކުރަން ބޭނުންވެފައި ހުރި ބޮޑުކަމުން މި ކުރަނީ."

އޭނާ އެންމެ ފުރަތަމަ ވީޑިއޯ ހަދަން ފެށީ "ގެމަނަފުށި މަސްވެރިން"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެންނެވެ. ނަމަވެސް އެ ޕޭޖު ދިވެހި މަސްވެރިންގެ ޖަމިއްޔާއަކަށް ހެދުމަށްފަހު އޭނާގެ އަމިއްލަ "ޒުވާން މަސްވެރިޔާ" ޕޭޖު ހުޅުވި އެވެ. މި ޕޭޖުގައި އޭނާ ހިއްސާ ކުރާ ވީޑިއޯތައް މިހާރު މިލިއަނުން މީހުން ބަލައިފައި ހުރެ އެވެ. މީގެ ތެރޭގައި ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ. އޭނާގެ ވީޑިއޯތައް މީހާރު ބޭރުގެ ބައެއް މީޑިއާތަކުގައި ވެސް ބޭނުން ކުރެ އެވެ.

ޒުވާން މަސްވެރިޔާ ޕޭޖުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި މަސްވެރިންނާއި މަސްވެރިކަން ޕްރޮމޯޓު ކުރުމަށް ޒުވާނުން އެ ދާއިރާއަށް ނެރުމެވެ. ސާޖިން ބުނިގޮތުގައި އޭނާ ކުރާ ގޮތަށް މަސްވެރިކަން ޕްރޮމޯޓް ކުރަން ބޭނުންވާ ވަރަށް ގިނަ ޒުވާނުން މިހާރު އެބަތިއްބެވެ. އެކަމަކު އެކަމަށް ހުރަސް އަޅަނީ ފައިސާ އެވެ. ޚަރަދެވެ.

"އަހަރެން އެކަނި ހުންނަ މީހަކު މިހެން އަމިއްލަ އަށް ހަރަދު ކުރިޔަސް އެންމެނަކަށް އެހެނެއް ނުވާނެ. ކުދިން ބޭނުންވޭ މިކަމުގެ އުޅެން. އެކަމަކު އެ ވަސީލަތްތައް ނެތިއްޔާ ކިހިނެއް އެކަން ކުރާނީ، އަހަންނަށް ވެވެން އޮތް އެހީއެއް ވެއްޖެއްޔާ ވާނަން،" އޭނާ ބުންޏެވެ.

ސާޖިން ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ ގޮތަށް މަސްވެރިކަން ޕްރޮމޯޓު ކުރަން ވެސް ސަރުކާރުން އެހީވުމެވެ. އަދި ދިވެހި ޒުވާނުން މި ދާއިރާ އަށް ޝައުގުވެރިކުރުވަން ކޯސްތަކާއި ތަމްރީން ޕްރޮގްރާމުތައް ހިންގުމެވެ.

"އަހަރެން އަބަދަކު ނުވެސް ހުންނާނެ. އެހެންކަމުން އަހަރެން ނެތް ހާލަތެއްގައި ވެސް މި ދާއިރާ ކުރިއަރުވަން ޒުވާނުން ތިބެން އެބަޖެހޭ. ޓޫރިޒަމް ޕްރޮމޯޓު ކުރަން މިކުރާ ހަރަދުގެ ކުޑަ ޕަސެންޓެއް މިކަމަށް ހަރަދު ކުރާ ނަމަވެސް ވަރަށް ގިނަ ޒުވާނުން މިކަމަށް ނުކުންނާނެ،" ސާޖިން ބުންޏެވެ.

ސާޖިން ވަނީ ޒުވާނުން މަސްވެރިކަމާއި ކަނޑަށް ހޭލުންތެރި ކުރުވުމަށް "ސާފު ކަނޑު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އޭނާ އުއްމީދު ކުރަނީ ކުރިއަށް އޮތްތާނގައި މަސްވެރިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވާ މަންޒަރު ފެނުމެވެ.