21 އެޕްރީލް 2021 - 01:23

ތަޅުދަނޑި އާއި ވޮލެޓް ފަދަ އެއްޗެހި ދޫކޮށްލާފައި ދެވޭ ނަމަ އެކަން އަންގައިދޭ އަދި ޓްރެކް ކުރެވޭ ޑިވައިސްއެއް އެއާޓެގްގެ ނަމުގައި އެޕަލް އިން މިރޭ ތައާރަފްކޮށްފި އެވެ. މީގެ އިތުރުން އެކި ކުލަތަކުން އައިމެކާއި އާ އައިޕެޑް ޕްރޯ ވެސް މިރޭގެ އިވެންޓްގައި ވަނީ ދައްކާލައިފަ އެވެ.

އެޕަލްގެ ސޮފްޓެއާ އާއި އެޕަލްގެ އެކި ސާވިސްތަކުގައި ބޭނުންކުރެވޭ އެއާޓެގަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ "ޓައިލް" އާ އެއްގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. އެޕަލްގެ "ފައިންޑް މައި" ގެ ސާވިސް ތެރެއިން ބޭނުންކުރެވޭ އެއާޓެގް އޮންނަނީ ވަށްކޮށެވެ. ތަޅުދަނޑި ފުލެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ މި ޑިވައިސް މިއާ ގުޅާލާފައިވާ އެޕަލްގެ ޑިވައިސްއާ ވަކި ވަރަކަށް ދުރަށް ދިއުމުން އެކަން އަންގައިދޭނެ އެވެ. އަދި މި ޑިވައިސް އެޕަލްގެ "ފައިންޑް މައި" ސާވިސް ތެރެއިން ލޮކޭޓް ވެސް ކުރެވޭނެ އެވެ.
މިއީ މިހާރުވެސް ބާޒާރުގައި ވިއްކަމުން އަންނަ "ޓައިލް" ވެސް މަސައްކަތްކުރާ ގޮތެވެ. އެކަމަކު އެޕަލް އިން މީގެ އުފެއްދުމެއް ބާޒާރަށް ނެރެން އުޅޭ ކަމަށް އަޑު އެރުމާ އެކު ވަރަށް ބޮޑު ސަމާލުކަމެއް އޮތީ ކުރިން ވެސް ލިބިފަ އެވެ.
އެޕަލްގެ އެއާޓެގް މި މަހުގެ 30 ގައި ވިއްކަން ފަށާނެ އެވެ. ވަކިން ޓެގެއް ލިބޭނީ 29 ޑޮލަރަށެވެ. އަދި ހަތަރު ޓެގްގެ ސެޓެއް ގަންނަ ނަމަ 99 ޑޮލަރަށް ލިބޭނެ އެވެ.
އެޕަލްގެ އިވެންޓްގައި އައިމެކް ޑެސްކްޓޮޕަށް ވެސް ވަނީ އެތައް އަހަރެއް ފަހުން ހާއްސަ އަޕްގްރޭޑްތަކާ އެކު ދައްކާލައިފަ އެވެ. އަދި މި ރޭންޖުގެ އައިމެކްގެ ހަތް ކުލައެއް ވަނީ ހަދައިފަ އެވެ. އަދި އެމް1 ޗިޕާއި 5ޖީ ކަނެކްޓިވިޓީއާ އެކު އައިޕެޑް ޕްރޯ ވެސް ދައްކާލި އެވެ.
އައިމެކްގެ އަަގު ފެށެނީ 1،299 ޑޮލަރުންނެވެ. މިވެސް ގަންނަން ލިބޭނީ މި މަހުގެ 30 އިން ފެށިގެންނެވެ.
މީގެ އިތުރުން ދަނބު ކުލައިގެ އައިފޯން 12 އެއް ވެސް ދައްކާލި އެވެ.
މިއީ އިތުރު ހާއްސަ ކަމެއް ހުރި ފޯނެއް ނޫނެވެ. އެޕަލް އިން މަސައްކަތްކުރަނީ އެޕަލް އިން އެންމެ ފަހުން ނެރުނު 5ޖީ ހިމެނޭ އައިފޯން 12 އަށް ޑިމާންޑް ބޮޑުކުރާށެވެ.
މިރޭ ތައާރަފްކުރި އުފެއްދުންތަކުގެ ވާހަކަ ކުރިން ދެކެވިފައި ވިޔަސް އޯއެސް 14.5 ތައާރަފްކުރާނެ ކަމަކަށް ކުރިން ލަފާކުރެވިފައެއް ނުވެ އެވެ. އެޕަލް އިން އިއުލާނުކުރި އޯއެސް 14.5 ގައި އެޕަލްގެ އެޕްތައް ބޭނުންކުރާއިރު އޭގެ ބޭރުން އެޕަލް އިން އެއްކުރާ މައުލޫމާތު ލިމިޓްކުރެ އެވެ. ހިލޭ އިންޓަނެޓް ދިނުމުގެ ނަމުގައި ފޭސްބުކް ފަދަ ބައެއް ކުންފުނިތަކުން ދޭ ހިދުމަތްތައް ބޭނުންކުރާ މީހުން އިންޓަނެޓް ބޭނުންކުރާ ގޮތް ދެނެގަނެ އިޝްތިހާރުކުރާ މީހުންނަށް މައުލޫމާތު ވިއްކަން މިއީ މިހާރަކަށް އައިސް ކުރާ ކަމެކެވެ.