20 އެޕްރީލް 2021 - 22:21

ކާމިޔާބު ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް ހަޔާ އެޑިއުކޭޝަނުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން "ޕިޗް-އަޕް: ޔޫތު އޮންޓަޕްރަނާޝިޕް ޗެލެންޖް" ގެ ނަމުގައި މުބާރާތެއް ފަށައިފި އެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ މާލީ ގޮތުން ބާރުވެރިކުރުވުމަށް ބާއްވާ މި މުބާރާތް ކުރިއަށް ގެންދަނީ ވޯލްޑް ބެންކުގެ އެހީއާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ "މީރީ" ޕްރޮޖެކްޓުގެ ދަށުންނެވެ.
އާ ވިޔަފާރިތަކަށް ފުރުސަތު ލިބޭ މި މުބާރާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދަނީ އޮންލައިންކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެންނެވެ. މުބާރާތުގައި ބައިވެރިވެވޭނީ މިމަހުގެ ފަސްވަނަ ވަނަ ދުވަހަށް އުމުރުން 18 އަހަރު ފުރި 36 އަހަރު ނުފުރޭ ޒުވާނުންނަށެވެ.
އާ ވިޔަފާރިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުން މޮޅުވާ މީހަކަށް 150,000ރ. އާއި 600,000ރ. އާ ދެމެދުގެ ހިލޭ އެހީ ލިބޭނެ އެވެ. މި ފައިސާ ލިބޭނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
ވަކި ފަރުދެއްގެ ގޮތުގައި ވެސް ނުވަތަ ގިނަވެގެން ތިން މީހުންގެ ޓީމަކުން ވެސް ބައިވެރިވެވޭނެ އެވެ. މި މުބާރާތައް ހަތަރު ދާއިރާއަކުން ވިޔަފާރީގެ ހިޔާލުތައް ހުށަހެޅޭނެ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން، ފަތުރުވެރިކަމާ ގުޅުން ހުރި އުމްރާނީ މަސައްކަތް، އައިސީޓީ އާއި ދަނޑުވެރިކަމުގެ މަސައްކަތް ހިމެނެ އެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން މިކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ވިޔަފާރީގެ ހިޔާލު ހުށަހެޅޭނެ އެވެ. މި މަރުހަލާ އިން ހޮވޭ މީހުންނަށް ކުރު އޮންލައިން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ އެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ވިޔަފާރި ފެށުމާއި ހިންގު މާގުޅޭ އިރުޝާދުތަކާއި ތަފްސީލީ ބިޒްނަސް ޕްރޮޕޯސަލެއް ހުށަހަޅާނޭ ގޮތަ ކިޔައިދޭނެ އެވެ. މި ތަމްރީނު ޕްރޮގްރާމަށް ފަހު ތަފްސީލު ބިޒްނަސް ޕްރޮޕޯސަލެއް ހުށަހަޅަން ޖެހޭނެ އެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ވިޔަފާރި ކުރަން ފަންޑު ލިބޭނެ އެވެ.
މުބާރާތުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅޭނެ އެވެ.