ސީރިއާގެ ކީޕަރު ފޮނުވާލަން މާޒިޔާ އިން ވިސްނަނީ
ސީރިއާގެ ކީޕަރު ފޮނުވާލަން މާޒިޔާ އިން ވިސްނަނީ

މާޒިޔާ އަށް ސޮއިކުރި، ސީރިއާގެ މަަހްމޫދު އަލް ޔޫސުފް އަނިޔާގައި ހުރުމުން އޭނާ ފޮނުވައިލަން އެ ކްލަބުން ވިސްނަމުންދާ ކަމަށް އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ރާއްޖޭގެ ތިން ކުލަބަކަށް ކުޅުނު ކީޕަރު، މީގެ ކުރިން ވަނީ މާޒިޔާ އަށް ވެސް ކުޅެފަ އެވެ. ސީޒަން ފެށިިއިރު މާޒިޔާގައި ހުރި ކީޕަރު ސާބިއާގެ ނިކޮލާ ވުޖަނެކްގެ ކޮންޓްރެކްޓް އެ ޓީމުން ބާތިލު ކުރީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހަން ޖެހޭ ވެކްސިން، ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ހުރިހާ ކުޅުންތެރިން ޖެހުމަށް ބާރުއަޅާފައި ވަނިކޮށް އެކަމާ އޭނާ ދެކޮޅު ހެދުމުންނެވެ.

އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފަހު، މަހްމޫދު 33، ލައްވައި މާޒިޔާ އިން ސޮއިކުރުވީ އޭއެފްސީ ކަޕަށް ވިސްނައިގެންނެވެ ނަމަވެސް މިއަދު މާޒިޔާގެ ކޯޗް ރިސްޓޯ ބުނީ އަނިޔާގެ ސަބަބުން މަހްމޫދަށް މި ސީޒަންގައި ކުޅެވިދާނެ ކަމާމެދު މިހާރު ޝައްކު އުފެދޭ ކަމަށެވެ.

"އަހަރެންނަކަށް ހީއެއް ނުވޭ މެނިކްސަސްގެ މައްސަލަ ހައްލު ކޮށްގެން މި ސީޒަންގައި ދެން އޭނާ އަށް ކުޅެން ނުކުމެވިދާނެ ހެނެއް،" ރިސްޓޯ ބުންޏެވެ.

"އެހެންވީމާ އަހަރެމެން ޖެހޭނެ އެކަމަށް ހައްލުތަކެއް ހޯދަން."

އޭނާ އަށް ކުޅުމުގެ ފުރުސަތު ކުޑައިރު އޭއެފްސީ ކަޕަށް އާ ކީޕަރަކު ގެންނާނަންތޯ ސުވަލު ކުރުމުން ރިސްޓޯ ބުނީ އެކަމާ މެދު ވިސްނަމުންދާ ކަމަށާއި ވަކި ގޮތެއް އަދި ނިމިފައި ނުވާ ކަމަށެވެ. މަހްމޫދުގެ މެޑިކަލް ކޮންޑިޝަން ޑޮކްޓަރުންނާ މަޝްވަރާކޮށް، ގާތުން ބަލަމުންދާ ކަމަށް ވެސް ރިސްޓޯ ބުންޏެވެ.

ސީރިއާގެ ގައުމީ ޓީމުން ވެސް ކުރިން ޖާގަ ހޯދި މަހްމޫދުގެ ކަކުލަށް ވަނީ އަނިޔާ ވެފަ އެވެ. ދެ ވަނަ ފަހަރަށް މާޒިޔާ އަށް އައިސް އޭނާ އަށް އެއްވެސް މެޗެއްގައި ބައިވެރިވޭވޭ ގޮތެއް ނުވެ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ އަންނަ މަހު 14-20 އަށެވެ. ރާއްޖޭގައި ކުޅޭ މި ސަރަހައްދުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި 14 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބަންގުލަދޭޝްގެ ޗެމްޕިއަން ބޮޑުދަރާ ކިންގްސް އާ ދެކޮޅަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގާތްގަނޑަކަށް 50 ދުވަހަށް ލީގް މެދުކަނޑާލުމަށް ފަހު މާޒިޔާއިން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ގޯލް ބެެހެއްޓީ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު ހުސައިން ޝަރީފެވެ. ހުސައިން އަށް ޓީމުން ދޭ ފުރުސަތުތަކުގައި އޭނާ ދަނީ ރަނގަޅުު ކުޅުމެއް ދައްކަމުންނެވެ.

ދިވެހި ޕްރިމިއާ ލީގްގައި މާދަމާ ރޭ މާޒިޔާ އިން ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓާ ދެކޮޅަށެވެ.

ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރިސްޓޯ ބުނިގޮތުގައި، މާޒީ ވެފައި އޮތް މެޗަކުން ކުރެވޭނެ ކަމެއް ނެތެވެ. ޕޮއިންޓް ތާވަލުގައި އޮތް ހިސާބަށް ނުވިސްނައި މިހާރު އޭނާ އަށް މުހިންމީ ގްރީންއާ ދެކޮޅަށް ކުޅޭ މެޗުކަން ރިސްޓޯ ފާހަގަކުރި އެވެ.