ކޭސްތައް އިތުރުވެ އިންޑިއާގެ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން
ކޭސްތައް އިތުރުވެ އިންޑިއާގެ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން

ނިއު ދިއްލީ (އެޕްރީލް 20) - އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވެ ވެރިރަށް ނިއު ދިއްލީ ލޮކްޑައުންކުރަން ޖެހޭ ހާލަތަށް ދިއުމާ އެކު އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ފުޅާކޮށް 18 އަހަރުން މަތީގެ އެންމެންނަށް ކޮރޯނާވައިރަހުގެ ވެކްސިން ދޭން ނިންމައިފި އެވެ.

ސަރުކާރުން ބުނީ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާނީ މެއި 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު އިންޑިއާގައި ވެކްސިންގެ ތާށިކަން ކުރިމަތިވެފައިވާ އިރު 18 އަހަރުން މަތީގެ އެންމެންނަށް ޖަހާނެ ވަރަށް ވެކްސިން ހޯދަނީ ކޮން ގޮތަކުން ކަމެއް އަދި ނޭނގެ އެވެ.

އިންޑިއާ ސަރުކާރުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އެ ގައުމުގައި ހުރީ 27 މިލިއަން ޑޯޒްގެ ވެކްސިން ކަމަށެވެ. އެއީ މިހާރު ވެކްސިން ޖަހަމުންދާ ރޭޓަށް ބަލާ ނަމަ ނުވަ ދުވަހަށްވާވަރެވެ. މަހާރާޝްތުރާ ފަދަ ކޮވިޑުގެ ހާލަތު ގޯސް ސްޓޭޓްތަކުގައި ވެކްސިން ނުލިބޭ ކަމަށް ވެ އެވެ. ބައެއް ވެކްސިން ސެންޓަރުތަކަށް މީހުން ދިއުމުން އަނބުރާ ފޮނުވާލާ ކަމުގެ ޚަބަރުތައް ވެސް ލިބެ އެވެ.

އިންޑިއާގައި މިހާރު ވެކްސިން ދެނީ ހެލްތު ވޯކަރުންނާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނާއި އާއްމުންގެ ތެރޭން 45 އަހަރުން މަތީގެ މީހުންނަށެވެ.

އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ސީރަމް އިންސްޓްޓިއުޓަށް ވަނީ ޑިމާންޑާ އެއްވަރަށް ވެކްސިން އުފެއްދުމުގެ މައްސަލަތައް ދިމާވެފަ އެވެ. ކުންފުނީގެ ސީއީއޯ ވިދާޅުވެފައި ވަނީ ވެކްސިން އުފައްދަން ބޭނުންވާ ބައެއް ރޯ މެޓީރިއަލް ހޯދަން ދަތިވެފައި ވަނީ އެ ތަކެތި އެކްސްޕޯޓް ކުރުން އެމެރިކާ އިން މަނާކުރުމާ ގުޅިގެން ކަމަށެވެ.

އިންޑިއާ އިން މިހާރު ހަމަޖައްސާފައި ވަނީ ވެކްސިން އުފައްދާ ކުންފުނިތަކުގެ 50 ޕަސެންޓް ޑޯޒް މައި ސަރުކާރަށް ސަޕްލައި ކުރުމަށެވެ. އަނެއް 50 ޕަސެންޓް ޑޯޒް ސްޓޭޓް ސަރުކާރުތަކަށާއި އޯޕަން މާކެޓަށް ވިއްކުމަށެވެ.

އިންޑިއާ އިން މިހާރު ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ ސީރަމް އާއި ބާރަތުގެ ވެކްސިންގެ އިތުރުން ރަޝިޔާގެ ސްޕުޓްނިކް ވީ އަށެވެ. އިންޑިއާ ސަރުކާރުން ވަނީ ސީރަމް އާއި ބާރަތަށް 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ދިނުމަށް ނިންމައިފަ އެވެ.

އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން އިންޑިއާއާގައި ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ދެ ލައްކައިން މަތީގަ އެވެ. ހޯމަ ދުވަހު އެކަނިވެސް ވަނީ 256,947 މީހުން ޕޮޒިޓިވްވެ 1،757 މީހުން މަރުވެފަ އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 15.3 މިލިއަން މީހުން ޕޮޒިޓިވްވެ 180،550 މީހުން މަރުވެފަ އެވެ.