ފޭސްބުކަށް އޯޑިއޯގެ ގިނަ ފީޗާތަކެއް ގެންނަނީ
ފޭސްބުކަށް އޯޑިއޯގެ ގިނަ ފީޗާތަކެއް ގެންނަނީ

ބޭނުންކުރާ މީހުންގެ މެދުގައި އޮތް މަގުބޫލުކަން ދެމެހެއްޓުމަށްޓައި ފޭސްބުކަށް އޯޑިއޯގެ ގިނަ ފީޗާތަކެއް ގެންނަން ނިންމައިފި އެވެ.

މިކަން މާކް ޒަކްބާކްގެ ކުންފުނިން ހޯމަ ދުވަހު އިއުލާންކޮށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އާ ފީޗާތައް ތައާރަފުކުރަމުން ދާނެ ކަމަށެވެ. މީގެ ތެރެއިން އެކައްޗަކީ ގިނަ މީޑިއާތަކުން ސިފަކުރާ ގޮތުން ނަމަ މިހާރު ވޮއިސް ޗެޓް އެޕެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ "ކްލަބްހައުސް" އާ ވާދައަށް ތައާރަފުކުރާ "ލައިވް އޯޑިއޯ ރޫމް" އެވެ. މިއީ އޯޑިއޯ އިން އެއް ބަޔަކު އަނެއް ބަޔަކާ މުއާލަމާތްކުރެވޭ ފީޗާއެކެވެ.

ފޭސްބުކުން ދެން ތައާރަފުކުރާ އޯޑިއޯ ފީޗާތަކުގެ ތެރޭގައި "ސައުންޑްބައިޓްސް" ހިމެނެ އެވެ. މިއީ ވެސް ފަސޭހަ އިން އޯޑިއޯ މެސެޖްތައް ރެކޯޑްކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކުރެވޭނެ ފީޗާއެކެވެ.

ފޭސްބުކްގައި "އޯޑިއޯގެ އަޑުގަދަކުރުމުގެ ގޮތުން" ޕޮޑްކާސްޓް ވެސް ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ. މިކަން ކުރިއަށް ގެންދަނީ މަޝްހޫރު ސްޕޮޓިފައިއާ ގުޅިގެންނެވެ. ފޭސްބުކުން ބުނި ގޮތުގައި އަމާޒަކީ ދެ ކުންފުނީގެ މެދުގައި ހަދާ ދިގު މުއްދަތުގެ އެއްބަސްވުމުގެ ދަށުން ޕޮޑްކާސްޓް ކޮންޓެންޓް ވަރުގަދަކޮށް، އެ ދާއިރާ ފޭސްބުކްގެ ތެރެއިން ފުޅާކުރުމެވެ.

އޯޑިއޯ އަށް މިހާ ބޮޑަށް ފޭސްބުކުން ސަމާލުކަން ދޭން ބޭނުންވި ސަބަބަކީ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތަކަށް ވުރެ ފަސޭހައިން އޯޑިއޯ އިން މުއާމަލާތްކުރެވޭތީ އެވެ. ސަބަބަކީ ކުރާ މަސައްކަތެއްގެ ތެރޭގައި އުޅެމުން ވެސް މާ ބޮޑު "ޑިސްޓްރެކްޝަނެއް ނެތި" އޯޑިއޯ އަށް ބަރޯސާވުން ފަސޭހަވާތީ އެވެ.