އިނގިރޭސިވިލާތުގެ "ރަތް ލިސްޓަށް" އިންޑިއާ
އިނގިރޭސިވިލާތުގެ "ރަތް ލިސްޓަށް" އިންޑިއާ

ލަންޑަން (އެޕްރީލް 20) - އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވާން ފެށުމާ އެކު އިނގިރޭސި ވިލާތަށް ދަތުރުކުރުން މަނާ ގައުމުތަކުގެ "ރަތް ލިސްޓަށް" އިންޑިއާ ލައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ހެލްތު ސެކްރެޓަރީ މެޓް ހަންކޮކް ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން އިނގިރޭސިވިލާތުގެ "ރަތް ލިސްޓަށް" އިންޑިއާ ލާނެ ކަމަށެވެ. ރަތް ލިސްޓަށް ލުމަށް ފަހު އިންޑިއާ އިން ދަތުރުކުރާ މީހުން އިނގިރޭސި ވިލާތަށް އެތެރެވުން މަނާވާނެ އެވެ. ހަމައެކަނި ހުއްދަ އޮންނާނީ އިންޑިއާ އިން ދަތުރުކުރާ އިނގިރޭސި ރަށްވެހިންނާއި އަޔަލޭންޑް މީހުންނަށް އެކަންޏެވެ. ރަތް ލިސްޓުގައިވާ ގައުމަކުން، އިނގިރޭސި ޕާސްޕޯޓް އޮންނަ މީހުން ނުވަތަ ޔޫކޭ ރެސިޑެންސް ރައިޓްސް ލިބިފައިވާ މީހުން ދަތުރު ކުރާ ނަމަ ސަރުކާރުން ހުއްދަ ދީފައިވާ ހޮޓަލެއްގައި 10 ދުވަހަށް ކަރަންޓީންވާން ޖެހެ އެވެ. ކަރަންޓީން ފީގެ ގޮތުގައި އަމިއްލަ އަށް ބޮޑު އަދަދެއް ހޭދަކުރަން ޖެހެ އެވެ.

އިނގިރޭސި ވިލާތުން ރަތް ލިސްޓަށްލާފައިވާ ގައުމުތަކުގެތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ވެސް ހިމެނެ އެވެ.

"ރަތް ލިސްޓަށް އިންޑިއާ ލުމަކީ އުނދަގޫ އެކަމަކު މުހިންމު ނިންމުމެއް،" ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ހަންކޮކް ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު އިންގްލޭންޑުން ބުނިގޮތުގައި މާޗް 25 އިން އެޕްރީލް 7 އާ ދެމެދު 3،345 މީހުން ވަނީ އިންޑިއާ އިން ޔޫކޭ އަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރޭން 161 ނުވަތަ 4.8 ޕަސެންޓް މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެޕްރީލް 15 އިން ފެށިގެން އިންޑިއާ އިން ދުވާލަކު ޕޮޒިޓިވްވާ ރޭޓް އުޅެނީ ދެ ލައްކައިން މަތީގަ އެވެ.