20 އެޕްރީލް 2021 - 12:36

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 29 ގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެމްބަރުންނަށް ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ހުރިހާ އެންމެންނަށް ވެސް މި އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެ ޕާޓީން ބުނިގޮތުގައި، އެމްޑީޕީގެ މެމްބަރަކަށް ވުމުގެ ފަހު ފުރުސަތަކީ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހެވެ. އެއީ އަންނަ މަހުގެ 29 އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ނިމުމާއެކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި ދާއިރާތަކަށް އެ ޕާޓީގެ ބައެއް މެމްބަރުން ފޯރިގަދަ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ.
އެކި ރަށްރަށުގެ ދާއިރާތަކުގެ ރައީސުންގެ މަގާމަށާއި އެހެން ބައެއް މަގާމުތަކަށް ވެސް ކުރިމަތިލާކަން ބައެއް މެމްބަރުން ވަނީ ހާމަކޮށް، ކެމްޕެއިން ބައްދަލުވުންތައް ވެސް ފަށައިފަ އެވެ. ތާއީދު ހޯދުމުގެ އެކި ހަރަކާތްތައް ވެސް ކުރިއަށް އެބަގެންދެ އެވެ.
ދާއިރާތަކުގެ ރައީސްކަމާއި ޕްރޮވިންސްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި މި ސަރުކާރުގެ އެކި ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެރިން ވެސް ހިމެނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި ފަހު ބަސް ބުނާ ތަނެވެ. ވަކި ގޮތަކަށް ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ގޮތަކަށް ޕާޓީން އަމަލުކުރަން ޖެހޭނެ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ ބާރުވެރިކަން، އެ ޕާޓީގެ ކޮންމެ ލީޑަރަކަށް ވެސް މުހިންމެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން އިންތިހާބު ކޮށްފައި ވަނީ މާޗު 11، 2016 ގަ އެވެ. ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ޖުމުލަ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކުރިއަށް އޮތް އެތެރޭގެ އިންތިހާބު ފަސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ.