ކުރު ވާހަކަ: ވަދާއީ މާފު
ކުރު ވާހަކަ: ވަދާއީ މާފު

ފުން ނޭވާއެއް ބޭރުކޮށްލަމުން ދެ ލޮލަށް ޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލީމެވެ. ނޭފަތް އެތެރެއަށް ދަމައިލަމުން ވަށައިގެންވާ މާހައުލަށް ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިމޭންކަމުގެ ދިގު އަތް މުޅިތަނަށް ވަނީ ފަތުރާލައިފައެވެ. މިއީ މިއަދު އަހަރެން ދުނިޔެއެވެ. އަހަރެންގެ ހާލަތެވެ.

ކަބަޑުމަތީގައި އޮތް ރަނގަބީލަށް ބަލައިލީމެވެ. އެ ރަނގަބީލު ތަޅުވާލެވޭނެހާ ހިތްވަރު އަތުގައި ހުންނާނެބާއޭ ހިތަށް އެރިއެވެ. އެއީ އަހަރެން ކަމަކަށް ބޭނުންވެއްޖެ ކަން އަންގައިދޭން ނިޝާނެވެ. އެކަން ފާހަގަކޮށްދޭން ބޭނުންކުރާ އާލާތެވެ. އެހާ ވެސް އަހަރެން ހާލަތު ދަށެވެ. ނިކަމެއްޗެވެ.

ކަނާއަތުގެ އަތްތިލަ ނަގައި ވައަތުގައި ހިފައިލީމެވެ. މަޑުމަޑުން އެނދުން ތެދުވެ ހަމަޖެހިލީމެވެ. އަނެއްކާ ވެސް ކަނާއަތުގެ އެހީގައި ވައަތް އުނގުގައި ބޭއްވީމެވެ. ކަބަޑު މަތީގައި އޮތް ރަނގަބީލާ ދިމާއަށް އަތް ދިއްކޮށްލީމެވެ. ނަމަވެސް އަތް ފޯރާވަރެއް ނުވިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ރަނގަބީލަށް އަތްފޯރާތޯ ބަލައިލީމެވެ. ބޮޑުވާ އިނގިލި ޖެހުމާއެކު އަހަރެންގެ ކަނާއަތް ފަޅިން ވަރު ދޫވިހެން ހީވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ރަނގަބީލާއެކު އެނދު ކައިރި މުށިގަނޑު މައްޗަށް ވެއްޓުނީއެވެ. މުށިގަނޑުގައި ޖެހުނުކަމެއް ވެސް ނޭނގެއެވެ. އެއްވެސް އިހުސާސެއް ވެސް ނުވެއެވެ. އިރުކޮޅަކު އޮވެލުމުން ކަނާއަތް ހިއްލައިލީމެވެ. ރަނގަބީލު ނަގައި ތަޅުވާލީމެވެ. އަތް ދެފަރާތަށް ހަރަކާތްކޮށްލުމާއެކު ރަނގަބީލުގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ.

ދެފަހަރަކު އެ ހަރަކާތް ތަކުރާރުކޮށްލީމެވެ. ކަނާއަތުގައި ހުރި ބާރު ވެސް މަޑުމަޑުން ކެނޑެމުން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. އިތުރަށް އަތް ހަރަކާތްކޮށްލާނެހާ ހިތްވަރު ނެތުމުން ހުއްޓައިލީމެވެ.

ކުއްލިއަކަށް މީހަކު ކޮޓަރީގެ ތަޅުގައި ހިފައިލި އަޑު އިވުނެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

"ކިހިނެއްވީ؟" ދޮންކަނބުލޮގެ ކުރަކި އަޑު ކަންފަތުގައި ޖެހުނެވެ.

"ފާ... ފާ...ހާ...." އަހަރެންގެ ކަރުބުޑުން އަޑު ބޭރެއް ނުވިއެވެ.

"ބޮޑުބޭ ކިހިނެއްވީ؟ ކީއްވެ ވެއްޓުނީ؟ ތަނަކަށް ތަދުވިތަ؟ އަނިއްޔާއެއް ލިބުނުތަ؟" ދޮންކަނބުލޮ އަހަރެންގެ މުޅި މޫނުގައި އަތް އުނގުޅަމުން ސުވާލުގެ ފަތިވަރެއް އަމުނައިލިއެވެ.

އަހަރެން ބޮލުގެ ހަރަކާތުން ނޫނެކޭ ބުނެލީމެވެ. ދޮންކަނބުލޮ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައް އިސާހިތަކު ކޯތާފަތަށް އޮހިގަތީ އިޒުނައެއް ހޯދުމެއް ވެސް ނެތިއެވެ.

"ފާޚާނާއަށް ދާންވީދޯ،" ދޮންކަނބޮލު މައިގެ ތެރެއަށް ބޯދިއްކޮށްލަމުން ގޮވާލިއެވެ. "ދޮންބޭ.. ފަހީމު ކޮއްކޯ. ބައްޕަ ފާޚާނާއަށް ގެންދަން އާދެބަލަ."

ދޮންކަނބުލޮގެ އަޑު ނުކެނޑެނީސް ފަހީމު ކޮޓަރިއަށް ވަނެވެ. ފަހީމު އައިސް އަހަރެންގެ މޫނަށް ބަލައިލިއެވެ. ލުއި ގޮތަކަށް ހިނިތުންވެލިއެވެ. ކައިރީގައި ހުރި ފުރޮޅުލީ ގޮނޑިއަށް އަހަރެން ލައިދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އަހަންނަށް ބަލައިލެވުނީ ފަހީމުގެ މޫނަށެވެ. އެ އޯގާތެރި ފިރުމުންތަކުގެ ސަބަބުން އަހަންނަށް އުނދަގޫވީމައެވެ.

"ކިހިނެއް؟"ވީ ފަހީމު ވައި އަޑުން ބުނެލިއެވެ.

"މާމަ... މާމަ... ގެންދޭ." އަހަންނަށް ބުނަން ބޭނުންވާ ވާހަކަ ރަނގަޅަށް ނުބުނެވުނެވެ.

ވަރަށް ވާހަކަ ދައްކަން އަހަރެން ބޭނުންވެއެވެ. ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރާން ބޭނުންވެއެވެ. ޚިޔާލު ފާޅުކޮށް ސައްލާ ކުރާން ވެސް ބޭނުންވެއެވެ. ނަމަވެސް މިއަދު އަހަންނަށް އެކަން ވާހަކަށް ނެތެވެ. އާއެކެވެ. އަހަންނަށް މިއަދު ބޭރު ކުރެވެނީ މަދު އަޑުތަކެކެވެ. އަނގައިގައި ހަކަތަ ނުހުންނަނީއެވެ. ދުލުގެ އެއްފަޅީގައި ޖޯރެއް ނުހުންނަނީއެވެ. ވަރު ނެތެނީއެވެ.

މިއީ އަހަރެންގެ ކުށުގެ ސަޒާއެވެ. މީހުން ބުނަނީ ތެދެކެވެ. ދުނިޔެމަތީގައި އެމީހަކު ޖެއްސި ކުލައެއް ފޭދޭނީ އެމީހެއްގެ ތަސްވީރަށެވެ. އެމީހެއްގެ ދިރިއުޅުމަށެވެ. ހަރުކަށިކަމުގެ ތިނޯސް ހެރޭނީ ހަރުކަށްޓަށެވެ. އޭރުން އެކަށިވެސް މަޑުވާން ޖެހޭނެއެވެ. އެކަން މިއަދު އަހަންނަށް ތަޖުރިބާ އެބަ ކުރެވެއެވެ. މިހާލަތަށް އަހަރެން މި ވެއްޓުނީ ޚުދު އަހަރެންގެ ކުށުންނެވެ. އަހަރެންގެ ގޮތެއް ނެތް ދިރިއުޅުމުގެ ސުންޕާކަމުންނެވެ.

ފާޚާނާކޮށް ނިމުމުން އަހަރެން އެނދަށް ލައިދިނުމަށް ފަހު މަގަތުގައި ފަހީމު އިށީނެވެ. އޭނާ ވާހަކައެއް ބުނަން އުޅުނުހެން ހީވާތީ އަހަންނަށް އޮވެވުނީއެވެ. ފަހީމުގެ މައުސޫމު މޫނަށް ބަލާށެވެ. ފަހީމު ވެސް އަހަރެންގެ ދެ ލޮލަށް ބަލައިލިއެވެ.

"ބައްޕަ މިއަދު ކަމަކާ ފިކުރުކުރާހެން ހީވަނީ؟ ކިހިނެއްވީ؟ މާހާސްވެ ކަންބޮޑުވަނީ."

އަހަންނަށް ގަދަކަމުން ހިންދިރުވާލެވުނެވެ. ފަހީމުގެ މޫނަށް ބަލައިގެން އޮވެ ވާހަކަ ދެއްކޭތޯ ބެލީމެވެ.

"މާމަ... މާ... މާމަ... ގެންދޭ." ލައްކަ ހިތްވަރުން ބުނަން އުޅުނު ވާހަކަ ބޭރުކޮށްލީމެވެ.

ފަހީމަށް އަހަރެންގެ ވާހަކަތައް ދޭހަވިއެވެ. އޭނާ ތެދުވީއެވެ. ކޮޓަރިން ބޭރަށް ނުކުތީއެވެ. އަނެއްކާ ފަހީމު ހިތްހަމަ ނުޖެހުނީބާއޭ ހިތަށް އެރިއެވެ. އޭނާ ހިތްހަމަ ނުޖެހޭންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އިރުކޮޅެއް ނުވަނީސް ކޮޓަރީގެ ދޮރުހުޅުވުނެވެ.

"ކިހިނެއްވީ ކުއްލިއަކަށް މާމަ ގާތަށް ދާ ހިތްވީ؟" ފުރޮޅީ ގޮނޑީގައި އަހަރެން ބާންދައިލަމުން ފަހީމު ބުނެލިއެވެ. "ހިނގާ މާމަ ގާތަށް ދަމާ ދޯ. ކާރު އެ އަންނަނީ."

ފަހީމުގެ ސުވާލަކީ އަހަރެން ވެސް އަމިއްލަ ނަފުސާ ދެތިން ފަހަރުކުރި ސުވާލެކެވެ. ޖަވާބު ވެސް ނުލިބުނު ސުވާލެކެވެ. އެކަމާ ވެސް ވިސްނޭލެއް މަދެއް ނޫނެވެ. އިހަށް މި ވަގުތަށް އެކަން ވެސް ބޮލުގައި ބާއްވާނީއޭ ހިތަށް އެރިއެވެ.

އަހަރެން ކާރަށް އެރުވުމަށްފަހު ފަހީމު ވެސް ކާރަށް އެރިއެވެ. އަހަރެންގެ މޫނަށް އޭނާ ބަލައިލިއެވެ. ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

"ދެން ހަމަޖެހިލާ." ފަހީމު ލޯތްބާއެކު ބުނެލިއެވެ.

ކާރު ދުއްވާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ހިތުގެ ތެޅުން އިތުރުވިއެވެ. ބަލިވީއްސުރެ މިކަން ކުރެވޭތޯ އަހަރެންގެ ކިހާ މަސައްކަތެއް ކޮށްފިން ހެއްޔެވެ؟ މި ދުވަސް އާދޭތޯ ކިހާ އިންތިޒާރެއް ކޮށްފިން ހެއްޔެވެ؟ އެންމެ ފަހުން އެ ދުވަސް ބައްދަލުވަނީއެވެ. ހިތުގައި މި އޮތް ވާހަކަތައް މަންމައަށް ހިއްސާކުރެވުމުން އަހަރެންގެ ބޮލަށް ލުއިވެގެންދާނެއެވެ. އަހަންނަށް ހިތްހަމަ ޖެހުމެއް ލިބިދާނެއެވެ. ދެންވާ ގޮތެއް ވެސް އެނގިދާނެތާއެވެ.

ޝީޓުގައި ހަމަޖެހިލަމުން ދެ ލޯ މަރައިލެވުނެވެ. ކުއްލިއަކަށް ސިކުނޑީގައި ކުރެހުނީ މަންމަގެ ތަސްވީރެވެ. އެ މުސްކުޅި މޫނެވެ. މެދު ހަށިން ލެބިފައިވާ ނިކަމެތި ހަށިގަނޑެވެ. ކުއްލިއަކަށް އެ ހަނދާންތަކުގެ ތެރެއަށް ގެނބިގަނެވުނެވެ.

"އުމަރު ކިތައްމެ ހިތްހަމަ ނުޖެހުނަސް އެކަމެއް ބަދަލެއް ނުކުރެވޭނެ،" މަންމަގެ އެ ޖުމުލަތައް ކަންފަތުގައި ތަކުރާރުވާން ފެށިއެވެ. "އަހަރެން ސިފަ ހުތުރުވެފަ އަތުގައި އެއްޗެއް ނެތަސް، ތިޔައީ އަހަރެންގެ ބަނޑުއަޅައި ވިހޭ ދަރިއެއް ނޫންކަމަކަށް ނުވާނެ."

"ދޮން އިބްރާހިމްގެ ދޮންހައްވާ ގާތު މަށޭ މިބުނަނީ، މަގޭ ދަރިންގައިގަ ތިޔަ މުޑުދާރު އަތުން އަތް ނުލާށޭ. ކަލޭއަކަށް ނޭނގޭތަ، ކަލޭއަކީ ނަޖިހެއްކަމެއް. ކަލޭއަކަށް ނޭނގޭތަ ކަލޭގެ ސަބަބުން އަހަރެން ގަތް ލަދެއް. އަހަރެން ތަހައްމަލު ކުރާން ޖެހުނު ހިތާމަތަކެއް." އަހަރެން ހަރުކަށިކަމާއެކު މަންމައާ ދިމާއަށް ބުނެލީމެވެ.

އެއާއެކު އެ މަންމަގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކަރުނައިން ދެ ލޯ ފުރުނުނެވެ.

"ދަރިފުޅާ މަންމައަށް ތިހެން ނަހަދާ. އާދޭސްކުރަން." މަންމަ ރޮމުން ގިސްލަމުން އާދޭސް ކުރާން ފެށިއެވެ.

"އަހަރެން ލަދުގަނޭ އަހަރެންގެ މަންމައަކީ ތިޔަ ގޮތެއް ނެތް އަންހެން މީހާއޭ ބުނާތީ ވެސް. އަހަރެން ފަކުރު ގަނޭ ކަލޭ ފެނުނަސް. މީހުން ކިޔަނީ ހަމަ ރަނގަޅު ވާހަކަތަކެއް. ކަލޭއަކީ މުޑުދާރު މީހެއް. ގޮތެއް ނެތް މީހެއް. އެހެން ނޫންނަމަ އަހަރެންގެ އުފަންދުވަހުގެ ސެޓުފިކެޓުގައި ހުރިހާ ގޮޅިއެއް ފުރިހަމަވީސް." އަހަރެން ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "އަދިވެސް ބުނާނެ ގޮތެއް ނެތީ މަށޭ. ރަހުމެއް ހަމްދަރުދީއެއް ނެތީ ވެސް މަށޭ. ބޮލުން މައްޗަށް ފޫޓެއް ހަމަ ނުވަނީސް މަށަށް އުޅެން ޖެހުނީ ކަންފަތުގައި އަތް އަޅައިގެން. މީހުންގެ ފުރައްސާރައިން ފިލަން. ކީއްވެ؟ ކީއްވެހޭ؟ ކަލޭގެ ސަބަބުން. ކަލޭގެ ނުލަފާކަމުން."

"އެއްފަހަރު ވެސް އަޑު އަހައިބަލަ. އަހަރެން ދައްކާ ވާހަކަ އަޑު އަހައިބަލަ." މަންމަ އަހަރެންގެ ދެފައި ކައިރިއަށް ތިރިވިއެވެ. "އެކަންވީ ގޮތް އަޑުއަހައިބަލަ."

އަހަރެންގެ ދެފައިގައި ހިފާ މަންމަ އާދޭސްކުރާން ފެށިއެވެ. ރޮމުން ގިސްލަމުންނެވެ.

"ކޯންޗެއް އަޑުއަހާކަށް. ކަލޭއަށްވީ ރަނގަޅަށް. ކަލޭއަށް ތިހުރީ ކަލޭ ކުރި ކުށުގެ ސަޒާ ލިބިފަ. ކަލޭއަށް އެނގެންވާނެ ކަލޭއަކީ ޓީބީ ޖެހިފައި ހުރި މީހެއްކަން. ކަލޭއަށް އެނގެންވާނެ ޓީބީއަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން. މަގޭ ދަރިން ގައިގަ އަތްލީމަ އެ ކުދިންނަށް ބަލި ޖެހޭނެކަން،" ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަހަރެން އިންޒާރު ދިނީމެވެ. "ކަލޭ ފާޑުފާޑުގެ އެއްޗެހި ނުދިނަސް މަގޭ ފަހީމާއި ނައީމު ބަނޑަކަށް ނުތިބޭނެ. ކޮންމެހެން މާ ދެއްކެން، ގޮތް ދައްކަން، މާ ހެޔޮ ބޮޑު މީހަކަށް ވެގެން މަ ދަރީންނަށް ފާޑުފާޑުގެ އެއްޗެހި ދޭނެ ކަމެއް ނެތް."

"ދަރިފުޅާ." މަންމަ އަނެއްކާ ވެސް ރޮއިގަތެވެ.

"އަދި މާ ގޮތްދައްކަން ރޯނެ. ހިތުން މީނާ އަހަރުމެން ދެކެ ވަރަށް ލޯބިވޭ. ލޯބިވާނަމަ މަ ބުނެގެން މި ގޯތިން ތަންކޮޅެއް ދިނީސް. މަ މީ ހަޑި ދަރި، ގުއި ދަރި. ކަށަވަރު ނުވާދަރި. އަބަދު މަ ހުންނާނީ ބާކީކޮށްފަ. މަށަށް އެވަރު ކޮށްލަން ނުކެރުނު މީހަކު ދެން ކީއް ކުރަން މާހެޔޮ އެދިގެން މިއުޅެނީ." އަހަންނަށް ދަތްކުނޑި ވިކާލެވުނެވެ.

"މަންމަ އެއްވެސް ކުއްޖަކަށް ދެރައެއް ނުދެން. ބާކީއެއް ނުކުރަން. ތަފާތެއް ނުކުރަން. މި ގޯއްޗަކީ ހުރިހާ ކުދިންގެ ގޯއްޗެއް. ވަކި ކުއްޖަކަށް ގޯތިދީފި ނަމަ މުޅި ތަން ފަސާދަވާނެ. މުޅި އާއިލާ ރޫޅޭނެ. އުމަރު ވެސް ދެން ތިބި ދެބެންނާ ގުޅިގެން އުޅެން ދަސްކޮށްބަލަ. މަންމައަށް ރަހުމުކޮށްބަލަ. އަޅައިލާ އޯގާތެރިވެ ބަލަ." މަންމަ ގިސްލަމުން ގިސްލަމުން ބުނެލިއެވެ.

"އެދެމީހުންގެ ނަމުގެ ފަހަތަށް އިތުރު ނަމެއް އޮތްގޮތަށް މަގޭ ނަމުގެ ފަހަތަށް ވެސް އެހެން ހެދޭނެތަ؟" އަހަރެން ދެ ބުމަ ކައިރިކޮށްލީމެވެ.

މަންޒަރު ބަލަން ދުރުގައި ހުރީ ނަފީސާއެވެ. އެއީ އަހަރުމެން އާއިލީގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. ނަފީސާގެ ދެ ލޮލަށް އަހަންނަށް ބަލައިލެވުނެވެ. އޭނާގެ ދެ ލޮލަށް ގިނަވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ. ނަފީސާ ދެ ފަރާތަށް ބޯހޫރައިލިއެވެ. މަންމައާ ދިމާއަށް އަޑުލާ ނުހަދާށޭ ބުނާ ފަދަ ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. އޭނާ ވެސް ހުރީ ޖެހިލުން ވެފައެވެ. ބިރު ވެސް ގަނެފައެވެ. އަހަރެންނާ ކުރިމަތިލާން ނުކުރިފައެވެ.

"ދެން އަންނަވީނު ރަންދަރިން. މަ މިއީ ގުއިދަރިވިއްޔަ. އަވަހަށް އަދޭ. ދޮންހައްވަގެ ކަރުނަތައް ފޮހެދޭން. ކީއްވެ މަޑުކުރަނީ." އަހަންނަށް ރުޅި އިސްކުރެވުނެވެ.

ކުއްލިއަކަށް ކާރު މަޑުކޮށްލިއެވެ. ފަހީމު އަހަރެންގެ އަތުގައި ހިފައިލިއެވެ. ޚިޔާލުތަކުގެ ދުނިޔެއިން ނުކުންނަން މަޖުބޫރުވީއެވެ. ލޮލަށް ބަރުޖެހުނު ކަރުނަތައް ފޮރުވޭތޯ ދެ ލޯ މަރައިލީމެވެ.

އެންމެފަހުން މަންމަގާތަށް އަހަންނަށް ވަދެވުނެވެ. އަހަރެން ފެނުމުން މަންމަގެ މޫނު އަނެއް ފަރާތަށް އަނބުރައިލީއެވެ. އިރުކޮޅެއް ވަންދެން މަންމަގެ މޫނަށް ބަލަން އަހަރެން އިނީމެވެ. އަހަންނާ ބަލާއިރު އަދިވެސް މަންމަ މާ ޒުވާންހެން ހީވެއެވެ. ސިއްހަތު ރަނގަޅު ހެން ހީވެއެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ނުހިނގުނަސް މަންމަގެ ހަށިގަނޑު ބަލިމަޑުކަމުގެ އަސަރުތަކެއް ނުފެނެއެވެ.

"މަން..މާ.. " އަހަރެންގެ އަޑު ބޭރަށް ނުނިކުމެ ކަރުބުޑުގައި ތަތްވިއެވެ.

"މާމާ! ބައްޕަ އެ އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން." ފަހީމު ކިޔަމުން ދިޔައީ އަހަރެންގެ ދުލާހަމައަށް އަންނަ ލަފުޒުތަކެވެ.

ފަހީމު އިނީ އަހަރެންގެ މޫނަށް ބަލައިގެންނެވެ. ދުންފަތާއި ލޮލުގެ ހަރަކާތްތަކަށް ވެސް ބަލާށެވެ. އަހަރެންގެ ނިތްކުރިން ކިޔައިދޭ ވާހަކަތައް ތިލަކޮށްދޭށެވެ.

"މާމައާ މެދު ބައްޕައަށް ކަންކަން ކުރެވުނީ ރަނގަޅަށް ނޫންކަން ބައްޕަ ވެސް ޤަބޫލުކުރޭ. މާމައާ ދިމާއަށް އަޑުލާ ހަޅޭއްލަވާ ހެދުނީތީ މިއަދު ބައްޕަ ދެރަވޭ. މާމަ ހިތުގަ ޖެއްސުނީތީ މިއަދު ބައްޕަ މާޔޫސްވެ ކަރުނައަޅާ." ފަހީމުގެ އަޑުގައި ހުރީ ނޭނގޭ ތުރުތުރެއް އެކުލެވިފައެވެ.

"މާފު... މާފު... މާ." ފަހީމު ހުއްޓައިލުމުން އަހަރެން ބޭނުންވީ ސީދާ އެވާހަކަ އަހަރެންގެ ދުލުން ބޭރުކުރާށެވެ.

"ބައްޕަ އެދެނީ ނިމި ދިޔަ ހުރިހާ ކަމެއް ހަނދާން ނައްތައިލަފަ ބައްޕައަށް މާފުދިނުން. މާމާ! ބައްޕަ ވަރަށް އާދޭހާއެކު އެ ބުނަނީ ބައްޕައަށް މާފުކުރާށޭ. ބައްޕަ މިހާރު ބައްޕަގެ ކުށްތަކަށް ތައުބާ ވެސް ވެއްޖެ. ދެން އޮތީ މާމަގެ ރުހުން. ބައްޕަ މިއަދު ދެރަވެ ހިތާމަ ކުރަނީ ހަމައެކަނި އެކަމާ." ފަހީމު އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލައިގެން ހުރެ އަހަރެންގެ ވާހަކަތައް އިއްވާދިނެވެ.

"އަހަރެން އިސްބަހަކީ ވެސް ފަހުބަހަކީ ވެސް ނޫނެކޭ،" މަންމަގެ ބަދަލެއް ނުވާ އަޑުގައި ހުރީ ރުންކުރު ރާގެކެވެ. "އަހަރެން އެދުވަހު ކަރުނަ އެޅި ކަރުނަ އެޅުން. އެދުވަހު ވީ ދެރަ. އަހަރެން ހިތުގަ ޖެއްސި ޖެއްސުން. ދުވަހަކު ވެސް، ދުވަހަކު ވެސް އެ ހަނދާނެއް ނުނެތޭނެ. އުމަރު ޝަރީފަކީ މަ ބަނޑުއަޅައި ވިހެއި ދަރިއެއް ނަމަވެސް މިހާރު ތިއީ މަ ދަރިއެއް ނޫން. އުފަންދުވަހުގެ ލިޔުމުން މަ ނަން ވެސް ފޮހެލާ. އެޔެއްނު ކަލޭ ބޭނުންވާ ގޮތަކީ."

މަންމަގެ ހަރުކަށި ލަފުޒުތަކުން އަހަރެންގެ މޭ ފޫ އަޅުވާލިއެވެ. އެއިން ކޮންމެ ލަފުޒެއް ސީދާ އަމާޒުވަމުން ދިޔައީ އަހަރެންގެ މެޔަށެވެ. ހިތަށެވެ. ކޮންމެ ލަފުޒެއް ވެސް ހީވަނީ ވިހަލައިފަ ދޫކޮށްލާ ދުނި ދަނޑިއެއް ހެންނެވެ. އެހައި ވެސް ބޮޑަށް އެ ލަފުޒުތަކުން ދިލަ އިހުސާސްވެއެވެ. ވޭން އަޅައެވެ.

"މާމާ، ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. މާފު ދިނުމަކީ ވެސް އޮތްކަމެއް." އަހަރެންގެ މޫނަށް ބަލައިލަމުން ފަހީމު އަސަރާއެކު ބުނެލިއެވެ.

"މި ބުނީނު ދާށޭ. މަ ކުރިމަތިން ދާށޭ. ކަލޭގެ ގަނޑުވަރަށް މަށެއް ނުދަމެއްނު. މަގުމަތީ ސަލާން ޖަހައިގެން ކައިގެން އުޅެން ޖެހުނަސް ކަލޭ ކައިރިއަކަށް ނުދާނަން. މަށަކީ މުޑުދާރު ގޮތެއް ނެތް މީހެއް. ކަލޭއަށް މަ ފަރާތުން ބަލިވެސް ޖެހޭނެ. ކަލޭގެ ދަރިންނަށް ވެސް ބަލިޖެހޭނެ. މިތަނުން ދާން އުޅޭ. މަ މީ ބަލި މީހެއް. ކަލޭ ކަހަލަ މުއްސަނދިން އަހަރުމެން ކަހަލަ ނިކަމެތިން ގާތަށް އަންނާކަށް ނުވާނެ. ދާން އުޅޭ." މަންމަ މޫނު އަނބުރައި ވެސް ނުލައި އިނދެ އަމުނައިލިއެވެ.

"މާމަ ދެން ބައްޕައަށް މާފުދީ." ފަހީމު ކިޔައިލީ އަހަރެންގެ ހިތެވެ.

"ކަލޭއަށް މާފުނުދީގެން އަހަރެން މަރައިލިޔަސް އެކަމެއް ނުވާނެ." މަންމަގެ އެންމެ ފަހުގެ ބަސް އިއްވިއެވެ.

އަހަންނަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ހުސްއަތާ ގެއަށް އަންނަން ޖެހުނީ ހިތާމައިގެ ތާކިހަލެއް ބޮލަށް މަހައިލައިގެންނެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އަހަންނަށް ހެދުނު ގޯހުން ފެޅި ކުރިއަކުން ނުކުތް މޭވާއެކެވެ.

އެރޭ ނިދަން އުޅެއުޅެ އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. އަބަދުވެސް މަންމަގެ ޚިޔާލުތަކުން ހިތްފަޅިފަޅިވަނީއެވެ. އެ ހަނދާންތަކުން މޭ ގުޑުގުޑުއަޅަނީއެވެ. އެންމެ ފަހުން ކަބަޑު މަތީގައި ހުރި ރޭޑިއޯ ހުޅުވާލީމެވެ. ރޭޑިއޯއިން އިވުނު ވާހަކަތަކުން އިތުރަށް މޭ ފަޅަފަޅައިގެން ދިޔަ އެވެ. އާއެކެވެ. އިވެމުން ދިޔައީ ދީނީ ޢިލްމު ވެރިއެއްގެ ނިޔަނެތި އަޑެވެ. ދައްކަމުން ދިޔައީ މައިންބަފައިންނަށް އޯގާތެރިވުމުމުގެ މާތްކަމުގެ ވާހަކައެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި އޮޅުންފިލުވައިދެމުން ދިޔައީ އެ ވާހަކަތަކެވެ.

އަހަންނަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. މައިންބަފައިންގެ މުހިއްމުކަން ވިސްނެން ފެށުނީ ބަލި އެނދުގައި އޮށޯންނަށް ޖެހުމުންނެވެ. ކުއްލިއަކަށް އެއްފަޅި ވައިވެ ހިނގާ ބިނގާވެ ނޫޅެވޭ ވަރުވީމައެވެ. އަހަރެންގެ ކޮންމެ ޖުމުލައަކުން އެ މަންމަގެ ހިތަށް ކުރާނެ އަސަރު މިއަދު ވިސްނުނެވެ. އެ ޚިޔާލުގައި އޮއްވާ ސިކުނޑި ވަރުބަލިވެގެން ލޯ މެރުނު އިރެއް ވެސް ނޭނގެއެވެ.

ކުއްލިއަކަށް މީހަކު ގޮވައިލިހެން ހީވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލީމެވެ. ގޮވީ ދޮންކަނބުލޮއެވެ. ދޮންކަނބުލޮ ރޮވިފައި ހުރެ ދޫކޮށްލީ އަލިފާން ތީރެއް ކަހަލަ ހޫނު ލަފުޒެކެވެ. އެ ތީރު ވަދެގެން ދިޔައީ ސީދާ އަހަރެންގެ މެއަށެވެ. ހިތަށެވެ.

"މާމަ ނިޔާވެއްޖެ. ރޭގަ ކުއްލިއަކަށޯ." ދޮންކަނބުލޮ ގިސްލެވޭ ގޮތްވިއެވެ.

އަހަންނަށްވީ އެހެން ގޮތެކެވެ. ވަށައިގެންވާ މަންޒަރު ހުއްޓުން އެރީއެވެ. އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވި ބުން އަޑަކުން ކަންފަތް ފަޅައިގެންދާން ގޮތްވީއެވެ. ނޭވާ ނުލެވި ކަރުބުޑުގައި ނޭވާ ތާށިވީއެވެ. ކުރާނެ ކަމެއް ނެތެވެ. ދެން އެ ދުވަހެއް އެނބުރާ ނުހޯދޭނެއެވެ. މަންމަ ވެސް ނިމިގެން އެ ދިޔައީއެވެ. ބަރު ހިތަކައިގެން މިހިތް ކަޅިކޮށްފައެވެ.

މައާފަށް އެދި ޖެހި ސަލާމަށް ފުރަގަސްދީފައެވެ. އެއަށް ނޫނެކޭ ބުނެފައެވެ. އަހަރެންހާ ނިކަމެއްޗަކު ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟ ސުވަރުގެ ދެވެން އޮންނަނީ މައިންގެ ފައިތިލަ ދަށުން ކަމަށް ވާއިރު އަހަންނަށް އެކަން ވާނެހެއްޔެވެ؟ ދުނިޔެމަތީގައި މަންމަގެ މައާފު ނުލިބި އެ މަންމަ ނިމިދިޔައިރު މާދަމާ ކަންވާނީ ކިހިނެއް ހެއްޔެވެ؟ ބަނޑުއަޅައި ވިހޭ މައިމީހާގެ ބަދު ދުޢާތައް ދެން އަހަރެން ރޮލާކާނެއެވެ. އެ ހަނދާންތަކުން އަހަރެން މޮޔަކޮށްލާނެއެވެ. ޤަބޫލުކުރަން ކިތައްމެ އުނދަގޫ ނަމަވެސް، އަދި ކިތައްމެ ކޮށިކޮށިކޮށް ކިޔައި ދެވުނަސް މިއީ އަހަރެން ވާހަކައެވެ. އަހަރެން ހަޔާތުގެ ފަސާނާއެވެ.

މާދަމާ ތިބާއަށް މިކަހަލަ ކަމެއް ދިމާ ނުވަނީސް ވިސްނާށެވެ. މައިމީހާގެ ހިތުގައި ޖެއްސުނު ނަމަ މައާފު ހޯދާށެވެ. ވަދާއު ނުކިޔަނީސް މައާފު ހޯދާށެވެ. ވަދާއީ މާފަށް އިންތިޒާރު ނުކުރާށެވެ. (ނިމުނީ)