20 އެޕްރީލް 2021 - 11:04

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ، ޗައިނާގެ ސައިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް، މާލޭ ސަރަހައްދުގައި ދޭން މިއަދު ފަށައިފި އެވެ.
ފުރަތަމަ ޑޯޒް ޖަހާ މީހުންނަށް މިހާރު ޖަހައިދޭނީ ވެސް ސައިނޮފާމް ވެކްސިނެވެ. އެކަމަކު އެ ވެކްސިން ޖަހައިދޭންނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ފުރަތަމަ ޑޯޒް ޖަހާތާ، އެއް މަސް ފަހުން ސައިނަފޯމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިދޭން ފަށާފައި ވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދެ ސެންޓަރަކުން މިއަދުން ފެށިގެން ސައިނަފޯމް ވެކްސިންގެ ދެ ވަނަ ޑޯޒް ދެމުންދާނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލެވެ.
ރޯދަ ނުހިފާ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ހެނދުނު، 10:00 އިން 12:00 އާ ދެމެދުގައި ވެކްސިން ޖަހައިދޭނެ އެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށް ވެސް އެ ސެންޓަރުން ވެކްސިން ޖަހައިދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:30 އަށް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިހާރު ދެ ވަނަ ޑޯޒް ދޭނީ މާޗު މަހުގެ 22 އާއި 23 ގައި ވެކްސިން ޖެހި މީހުންނަށް އެކަންޏެވެ.
ރާއްޖެއިން މިހާތަނަށް 281،848 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 45،817 މީހެކެވެ. އެ އެންމެނަކީ ވެސް އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައިވާ މީހުންނެވެ.