ހެކި ނެތިގެން ޖިންސީ ގޯނާގެ ތުހުމަތުން ފަޒީލް ސަލާމަތްވެއްޖެ
ހެކި ނެތިގެން ޖިންސީ ގޯނާގެ ތުހުމަތުން ފަޒީލް ސަލާމަތްވެއްޖެ

ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާ އެކު ވަޒީފާ އިން ސަސްޕެންޑް ކުރި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލާ ދެކޮޅަށް ހެކި ނެތުމުން ފުލުހުން މައްސަލަ ފައިލްކޮށްފި އެވެ.

ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ފަޒީލްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ނިންމައި، ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ މައްސަލަ ފައިލްކުރީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް މަސައްކަތަށް ނުނިކުންނަވަ އެވެ. އޭނާގެ ސަސްޕެންޝަން އުވާލިކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލުގެ މައްޗަށް ވަނީ ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް ޕާޓީން ވެސް މައްސަލަ ބަލަން ފެށި އެވެ.

ފަޒީލް ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ބަލައި ނިމެންދެން މަސައްކަތުން އެކަހެރިކުރުމަށް އެމްއާރުއެމް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައި ވަނިކޮށެވެ.