ލީޑްސްް އިން ލިވަޕޫލް ހިފަހައްޓައިފި
ލީޑްސްް އިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓަޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު، ލިވަޕޫލް ތާވަލްގެ ހަ ވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެވެ. ލިވަޕޫލާއި ތާވަލްގެ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމްއާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލީޑްސް އޮތީ 46 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑު ހޯދީ ސާދިއޯ މާނޭ ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލީޑްސްގެ ޑިއޭގޯ ލޮރެންޓޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ލީޑްސް އަށް ލޮރެންޓޭ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ، މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ލިބުނު. އެ ފުރުސަތުތައް ނިންމާލީ ނަމަ، އަހަރެމެންނަށް މި މެޗަށް އަހަރެމެން ކޮޅަށް އަނބުރާލެވުނީސް،" ކްލޮޕް ބުންޏެވެ.

މި މެޗުގައި ދެން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބުތަކުން އުފައްދަން އުޅޭ ސުޕަ ލީގާ ދެކޮޅު ލީޑްސް އިން ފާޅުކުރި ޝުއޫރުތަކަށެވެ.

މި މެޗުގެ ކުރިން ލީޑްސްގެ ދަނޑު ކައިރީގައި ލިވަޕޫލާއި ލީޑްސްގެ ސަޕޯޓަރުން ވަނީ ސުޕަ ލީގާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. މެޗުގެ ކުރިން ލީޑްސްގެ ކުޅުންތެރިން ވޯމަޕަށް ނުކުތީ ސުޕަ ލީގާ ދެކޮޅު ޝުއުރޫތައް ޖަހާފައިވާ ޓީޝާޓްތައް ލައިގެނެވެ.