16 ނޮވެމްބަރ 2016 - 15:23

ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި އެހެންވެ އޭނާ އަށް އެ ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުރި ހަމީދު ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ތުހުމަތުކޮށް، ވަޒީފާއިން ވަކިކުރީ އޮގަސްޓް، 2012 ގަ އެވެ. ޗީފް ސުޕްރިޓެންޑެންޓެއްގެ ރޭންކުގައި ހުއްޓާ ހަމީދު ވަކިކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ސެޕްޓެމްބަރު، 2013 ގައި ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ހުކުމްކުރީ ހަމީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
ހުކުމް އިއްވަމުން، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވުނީ ސިއްރު މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތު ކަމަށްވާއިރު އެއީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއް ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދާރީވުމަށާއި ވަކީލަކު އައްޔަން ކުރަން ހަމީދަށް ފުރުސަތު ދިނަސް އެ ފުރުސަތު އޭނާ އަމިއްލައަށް ދޫކޮށްލާފައިވާ ކަމަށާއި ތަހުގީގުގައި އޭނާ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. ހަމީދު އޭރު ހުރި މަގާމަށް ބަލާއިިރު އޭނާއާ މެދު އެފަދަ ތުހުމަތެއް ކުރެވޭއިރު އެކަމަށް ޖަވާބުދާރީ ނުވުމަކީ އޭނާ އެ ވަޒީފާގައި ބެހެއްޓުން އެކަށީގެން ނުވާ ސަބަބެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ރައޫފް އިތުރަށް ވިދާޅުވި ގޮތުގައި އެ ތުހުމަތުތަކަށް ޖަވާބުދާރީ ނުވެ، ހަނު ހުރުމަކީ އެ ތުހުމަތުތައް ހަމީދު ގަބޫލު ކުރާކަމުގެ ދަލީލެކެވެ.
ހަަމީދަށް ވަޒީފާ ދޭން އެންގުމުގައި، ސިވިލް ކޯޓުން ރިއާޔަތްކުރީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ކަމަށްވިޔަސް އެ ނިންމުމަކީ ފުލުހުންގެ ވަޒީފާގެ މައްސަލަތަކަށް ތަތުބީގު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.
ސަބަބަކީ ފަހުމީގެ މައްސަލަ ނިންމުމުގައި ސުޕްރީމް ކޯޓުން އެއްވެސް މިންވަރަކަށް ފުލުހުންގެ ގާނޫނަށް ނުވަތަ ވަޒީފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށްފައި ނެތުމާއި ފަހުމީގެ މައްސަލައަކީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާއަކަށް އައްޔަންކުރި މަގާމަކާ ގުޅުންހުރި މައްސަލައަކަށް ވުމުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ރައޫފްގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.
ސިއްރު މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތުގައި ހަމީދު ވަޒީފާއިން ވަކި ކުރުމުގެ އިތުރުން އޭނާ ހައްޔަރު ވެސް ކުރި އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.