21 އެޕްރީލް 2021 - 08:34

ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ "ހަންގާމާ" ގެ ސީކްއެލްއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަނިކޮށް އޭނާ ޑައިރެކްޓްކުރި އެހެން ކޮމެޑީއެއް ކަމަށްވާ "ހަލްޗަލް" ގެ ސީކްއެލްއެއް ވެސް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ވީނަސް ފިލްމްސް އިން 2004 ގައި ގެނެސްދިން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު އެއާ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެހެންވެ "ހަލްޗަލް" ގެ ސީކްއެލް އިން ކުރީގެ ކާސްޓް ފެންނާނެ ކަމާއި އެ ފިލްމު ޑައިރެކްޓްކުރާނީ ޕްރިޔަދަރުޝަން ކަމަށް ވެސް ކަށަވަރެއް ނުވެ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ހަލްޗަލް" ގެ ލީޑް ތަރިންނަކީ ކަރީނާ ކަޕޫރާއި އަކްޝޭ ކަންނާ އެވެ. އެ ފިލްމުގައި ދައްކުވައި ދެނީ ބޮޑު އަދާވާތްތެރި ކަމެއް އޮންނަ ބޮޑު ދެ އާއިލާއެއްގެ ދެ ޒުވާނަކު ލޯބީގެ ގޮތުން ގުޅުމުން އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާޖާނުގަނޑެކެވެ.
"ހަލްޗަލް" ގެ ކާސްޓްގައި ސުނިލް ޝެޓީ، އަރުޝަދު ވަރުސީ، ޖެކީ ޝްރޮފް، ޕަރޭޝް ރާވަލް، އަމްރިޝް ޕޫރީ، އަރުބާޒް ޚާން، އާސްރާނީ އަދި ޝަކްތީ ކަޕޫރް ފަދަ ތަރިން ހިމެނެ އެވެ.
ޖުމްލަ 25 ކްރޯޑް (3.34 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 36.05 ކްރޯޑް ރުޕީސް (4.82 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
ޕްރިޔަދަރުޝަން ޑައިރެކްޓްކޮށް "ހަންގާމާ 2" ގެނެސްދޭ އިރު، އެ ފިލްމުގެ ތަރިންނަކީ ޝިލްޕާ ޝެޓީ އާއި ޕަރޭޝް ރާވަލާއި މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް އެވެ.
އޭނާ 2007 ގައި ގެނެސްދިން "ބޫލް ބުލައްޔާ" ގެ ސީކްއެލްއެއް ވެސް މުޅިން ތަފާތު ޓީމަކާ އެކު މި އަހަރު ގެނެސްދޭން ނިންމާފައިވެ އެވެ. އަނީސް ބަޒްނީ ޑައިރެކްޓްކޮށް، ނޮވެމްބަރު 13 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ 2" ގެ ތަރިންނަކީ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީގެ އިތުރުން ތައްބޫ އެވެ.