19 އެޕްރީލް 2021 - 23:14

ކޮވިޑް-19 ގެ އަލާމާތް ހުރެގެން ބ. އޭދަށުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރަށް މިއަދު މޮނިޓަރިން އަށް ލައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ކޮވިޑް ބަލީގެ މީހަކު ފެނުމުން މިއަދު ހަވީރު ވަނީ ރަށަށް އަރައިފޭބުން މަނާކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ކަމަށާއި އޭގެ ފަހުން، ބަލީގެ އަލާމާތް ހުރެގެން މިރޭ ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ކޮވިޑަަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް، ރަށަށް އަރައިފޭބުން މަނާކޮށްފައި ވާއިރު މިހާރު ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އޭދަފުއްޓަކީ އެ ސަރަހައްދުގެ މައި ރަށް ނަމަވެސް ރަށަށް އަރައިފޭބުން މަނާކުރިޔަސް އެހެން ރަށްރަށުގެ މީހުންނަށް ދަތި ނުވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތްދޭ ކަމަށެވެ. އަދި ދޯނިފަހަރާ ހަމައަށް ވެސް މުދާ ގެންގޮސްދޭ ކަމަށް ވިދާޅުވި އެވެ.
ރަށަށް އަރައިފޭބުން މަނާކުރުމާ އެކު، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ހިދުމަތް ދޭނީ އޮންލައިންކޮށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލުގެ ނަމްބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ. އެ ހޮސްޕިޓަލުން އެދެނީ އިމަޖަންސީ ހާލަތެއްގައި ނޫނީ ޑޮކްޓަރަށް ދައްކަން ނުދިއުމަށެވެ.
މިއީ ކޮވިޑް ފެތުރެން ފެށި ފަހުން، އޭދަފުއްޓަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ.