19 އެޕްރީލް 2021 - 22:28

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ދިން ލުއިތަކަށް ދެ ހަފުތާ ފަހުން އަނެއްކާވެސް ކޭސްތައް އިތުރުވެފައިވާ ކަމަށް މިދިޔަ ތިން ދުވަހުގެ ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން މިރޭ ހާމަކުރި މިދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 3،122 ސާމްޕަލެއް ޓެސްޓްކުރި އިރު އޭގެ ތެރެއިން 157 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 71 މީހަކާއި އެހެން ރަށްރަށުން ޕޮޒިޓިވްވި 72 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
މިދިޔަ 24 ގަޑިއިރުގެ ކޭސްތަކަށް ބަލާއިރު މިއީ ޕަސް ޕަސެންޓުގެ ޕޮޒިޓިވިޓީ ރޭޓެވެ.
މި މަސް ފެށުނުއިރު ޕޮޒިޓިވިޓީ ރޭޓް 8 ޕަސެންޓުގައި ހުރުމަށް ފަހު އެ ރޭޓް ދަށްވަމުން ގޮސް މި މަހު 13 ގައި ދެ ޕަސެންޓަށް ވެސް ދަށްވި އެވެ. އެއީ 2،645 ސާމްޕަލް ޓެސްޓުކޮށްގެން 58 މީހަކު ޕޮޒިޓިވްވި 24 ގަޑިއިރެވެ. އެއީ މި މަހު އެންމެ މަދުން ކޭސް ފެނުނު ދުވަހެވެ.
ކޮންމެ 24 ގަޑިއިރެއްގެ ކޭސްތައް 100 އިން މަތީގައި ހުރުމަށް ފަހު މި މަހުގެ 10 އިން ފެށިގެން 100 އިން ދަށްވުމަށް ފަހު އަނެއްކާވެސް 100 އިން މައްޗަށް ގޮސްފައިވަނީ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހު 117 ޕޮޒިޓިވް ކޭސް ފެނުމަށް ފަހު އިއްޔެ 203 ކޭސް ފެނުނެވެ. އެހެންވެ މިދިޔަ ތިން ދުވަހު ވެސް ޕޮަޒިޓިވް ކޭސްތައް ހުރީ 100 އިން މަތީގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ލުއިތައް ދިނުމާއި އިންތިހާބު ތެރޭ ގިނަ އަދަދެއްގެ ބަޔަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ އުޅުމުން ކޮވިޑް ކޭސްތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ކުރިން ވެސް އުފެދުނެވެ.
މިއަދުގެ އަދަދުތަކާ އެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 26،505 އަށް އަރައިފަ އެވެ. މިހާތަނަށް މި ބަލީގައި 70 މީހަކު މަރުވެފައި ވާއިރު 23،691 މީހަކު ވަނީ ރަނގަޅުވެފަ އެވެ.