16 ނޮވެމްބަރ 2016 - 13:26

މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) ޒަމާނީ ފެންވަރަށް، ފަސް ބުރިއަށް އިމާރާތް ކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު މުހައްމަދު އަހްސަން މިއަދު ވިދާޅުވީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އެ މިސްކިތް އިމާރާތްކުރަން ގެންގުޅުނު ވިސްނުން ބަދަލުކޮށް، މިހާރު ހުރިހާ ހަރަދެއް ކުރަން ހަމަޖައްސާފައި ވަނީ ސަރުކާރު ބަޖެޓުން ކަމަށެވެ. އެ މިސްކިތަށް އަންނަ އަހަރުގެ ބަޖެޓުގައި 17 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިން ދެ ބުރިއަށް ހަދާފައި ހުރި މި މިސްކިތް އަލުން އިމާރާތްކޮށް ނިމުމުން، އަހްސަން ވިދާޅުވި ގޮތުގައި، ޖާގައިގެ ގޮތުން ވަރަށް ބޮޑަށް ތަނަވަސްވާނެ އެވެ.
"އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް 1،500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް،" އަހްސަން ވިދާޅުވި އެވެ.
މިސްކިތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާވެޔޮ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
މާވެޔޮ މިސްކިތް ފަސް ބުރިއަށް އިމާރާތްކުރާއިރު މާލޭ ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މި ބޮޑު މަޝްރޫއަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.