އާ ޗެމްޕިއަންސް ލީގު 2024 ގައި؛ ޓީމުތަކާއި މެޗުތައް ވެސް ގިނަ
އާ ޗެމްޕިއަންސް ލީގު 2024 ގައި؛ ޓީމުތަކާއި މެޗުތައް ވެސް ގިނަ

މޮންޓްރާ (19 އޭޕްރީލް) - ޔޫއެފާ ޗެމްޕިއަންސް ލީގަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޔޫއެފާ އިން ފާސްކޮށްފި އެވެ.

އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، 2024-2025 ގެ ސީޒަންގަ އެވެ. އާ ބަދަލާ އެކު، ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 36 އަށް އިތުރުކުރާނެ އެވެ.

ގުރޫޕް ސްޓޭޖުގައި މިހާރު ކޮންމެ ޓީމަކުން ކުޅެނީ ހަ މެޗެވެ. މިހާރު އޮތް ގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާ ދެ ޓީމުން ކުޅެނީ މުޅި މުބާރާތުގައި 13 މެޗެވެ. މިއަދު ފާސްކުރި އާ އުސޫލުގައިވާ ގޮތުން 2024 ފެށިގެން ކޮންމެ ޓީމަކުން ގުރޫޕް ސްޓޭޖުގައި އެކަނި ވެސް 10 މެޗު ކުޅޭނެ އެވެ. ދެ ވަނަ ބުރަށް ދާނީ ގަދަ 16 ޓީމެވެ.

އިންގްލެންޑް، ސްޕެއިން އަދި އިޓަލީގެ 12 ކްލަބެއް އިސްނަގައިގެން ޔޫރަޕިއަން ސުޕަ ލީގު އިއުލާންކޮށްފައި ވަނިކޮށް، ސްވިޓްޒަލޭންޑްގެ މޮންޓްރާގައި މިއަދު ބޭއްވި ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ޔޫއެފާގެ ރައީސް އެލްގްޒެންޑާ ކެފެރިން ވަނީ ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށް ވިދާޅުވެފަ އެވެ.

"ބަންދުވެފައިވާ ލީގެއްގައި ބައިވެރިވާން އުޅޭ ކްލަބުތަކުގެ ކުޅުންތެރިން ވޯލްޑް ކަޕް އަދި ޔޫރޯގައި ނުކުޅެވޭނެ ގޮތަށް ސަސްޕެންޑް ކުރާނަން،" ޒޫމް މެދުވެރިކޮށް ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން ކެފެރިން ވިދާޅުވި އެވެ. "އެ ކުޅުންތެރިން އެއްވެސް މެޗެއްގައި ގައުމީ ޓީމަކަށް ނުކުޅެވޭނެ."

އީއެސްޕީ އެން އިން ބުނެފައި ވަނީ، ޔޫއެފާއިން ޗެމްޕިއަންސް ލީގަށް މިއަދު ގެނައި ބަދަލުތަކަށް، ޕީއެސްޖީގެ ރައީސް ގަތަރުގެ ނާސިރު އަލް ހަލީފާ ތާއީދު ކުރައްވާފައިވާ ކަމަށެވެ. އެކަމަކީ ޔޫރަޕިއަން ސުޕަ ލީގާ، ޕީއެސްޖީ ދެކޮޅުކަން ހާމަ ކޮށްދޭ ކަމެކެވެ.

އަންނަ ސީޒަންގައި ޔޫރަޕްގެ ތިން ވަނަ ލެވަލްގެ ކްލަބު މުބާރާތް "ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގް" ފަށާނެ އެވެ. އެ މުބާރާތް ބޮޑަށް ހާއްސަކޮށްފައި ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ދަށް ގައުމުތަކުގެ ކްލަބުތަކަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގާ ޔޫރޮޕާ ލީގުން ފުރުސަތު ނުލިބޭ ޓީމުތަކަށް އެ މުބާރާތަށް ކޮލިފައި ވެވޭނެ އެވެ.