ނިޒާމުގެ ވޯޓަކަށް ދާން އާއްމުން ބޭނުންވޭތަ؟
ނިޒާމުގެ ވޯޓަކަށް ދާން އާއްމުން ބޭނުންވޭތަ؟

ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް އެންގެވުމުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ދިނީ އެ މައުލޫއުގައި އެ މަނިކުފާނު މިދިޔަ އަހަރު ވެސް ނޫސްވެރިންނަށް ދެއްވާފައިވާ ޖަވާބެކެވެ؛ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ.

ރިޔާސީ ނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމު މާ ރަނގަޅު ކަމަށް އަބަދުވެސް ވިދާޅުވާ ނަޝީދު އެކަމަށް ވަކާލާތުކުރައްވާ ކޮންމެ ފަހަރަކު ވެސް ގިނަ ބަޔެއްގެ ދެކޮޅުހެދުމާ ކުރިމަތިލައްވަން ޖެހިވަޑައިގަނެ އެވެ. ނަޝީދު އެންމެ ފަހުން އެ ވަނީ އެކަން ކުރަން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތާއި ވަގުތު ވެސް ނިންމަވައި މެސެޖަކުން ރައީސަށް ދަންނަވައިފަ އެވެ. އެއީ ފެބްރުއަރީ 2023ގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި މިހާރުގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވައިލުމެވެ. އަދި 2024ގައި މަޖިލީހުގެ އިންތިހާބަށް ދާ އިރު މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުމެވެ.

އެ މެސެޖު އެ ގޮތަށް ރައީސަށް ފޮނުއްވުމުން އެތައް ބައެއްގެ ރުޅިވެރިކަން ނަޝީދަށް އަމާޒުވި އެވެ. އެކަމަކު ރައީސް އޮފީހުން މިއަދު މީޑިއާ އަށް ދިން ޖަވާބާ ގުޅިގެން ނަޝީދު ހާމަކުރެއްވީ ރައްޔިތުންގެ ވޯޓަކަށް ދިއުމާ ދެކޮޅު ނަހައްދަވާ ކަމެވެ. ޓްވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމީ "ޝައްކެއް ވެސް ނެތް ކަމެއް" ކަމަށާއި "ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން" ކަމަށެވެ.

އެހެންކަމުން ނަޝީދު ދެން ރައީސަށް ޕްރެޝަރު ކުރައްވާނީ ވޯޓަކަށް ދާ ގޮތަށް ނިންމެވުމަށް ކަމަށް ބެލިދާނެ އެވެ. އެކަމަކު މިއީ އާއްމުން ކިހާ ބޭނުން ކަމެއްތޯ އެއީ އަދި ސުވާލެކެވެ. ސޯޝަލް މީޑިއާ އިން ތާއީދަށް ވުރެ މާ ބޮޑަށް ފެންނަނީ ދެކޮޅުހެދުމެވެ.

ސޯޝަލް މީޑިއާގައި އާދައިގެ މަތިން މި މައްސަލައިގައި ރެއިން ފެށިގެން ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. މިފަހަރު ނަޝީދުގެ ސީދާ މަގްސަދާއި ޕްލޭން ކުރަހާލެއްވި ގޮތް ހާމަވެފައި ވާތީ ފާޑުކިޔުން އަމުދުން ބޮޑު ވެސް މެ އެވެ. ރައީސަށް ނަޝީދު އެންގެވީ ހަވާސާގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ގައުމު ހިންގެވުމުގައި ބައިވެރިވެވަޑައިގަންނަވައި ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ގިނަ މީހުންނަށް ނަޝީދުގެ އެ ވިސްނުމާއި ޕްލޭނުން ފެންނަނީ، ހުރިހާ ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއްގައި، ކުރު މަގަކުން ވެރިކަމަށް ވަޑައިގަންނަވަން އަމިއްލަ އެދުން ކުރިއަށް ނެރުއްވުމުގެ މަގްސަދެވެ.

ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ވޯޓަކުންކަން ގަބޫލުކުރައްވާކަން ނަޝީދު މިއަދު ހާމަކުރެއްވުމުން އެ ހޫނުގަނޑު ކޮންމެވެސް ވަރަކަށް ވަނީ ފިނިވެފަ އެވެ. ވޯޓަކަށް ގޮސް މީހުން ދެކޭ ގޮތް ބެލުމަށް ތާއީދުކޮށް ވާހަކަދައްކާ މީހުން ވެސް ފެނެ އެވެ.

އެކަމަކު ދެކޮޅުހެދުން ބޮޑު އެއް ސަބަބަކީ މިއީ މިހާރު ވެސް ރައްޔިތުންގެ ވޯޓަކުން ކޮޅެއްގައި ޖައްސާފައި އޮތް ކަމަކަށް ވުމެވެ. ތިން ބާރު ވަކިކުރުމުގެ ސިޔާސީ އިސްލާހުތައް ގެނައުމުގެ ތެރޭގައި 2007ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ބަރުމަލާނީ ނިޒާމަކަށް ނަޝީދުގެ އެމްޑީޕީން ކުރި ކެމްޕެއިން ނާކާމިޔާބުވީ އެވެ. އޭރު ރިޔާސީ ނިޒާމަކަށް ތާއީދު ބޮޑުވީ ވޯޓު އޮޅުވާލުމުން ކަމަށް އެމްޑީޕީން ބުންޏަސް ގާނޫނު އަސާސީ ލިޔުނީ އެ ވޯޓުގެ އަޣުލަބިއްޔަތު ނިންމުމުގެ މައްޗަށެވެ.

އެ ގޮތަށް މުޅި ނިޒާމު ތަރުތީބުކޮށްފައި އޮއްވައި އަނެއްކާވެސް ވޯޓަކަށް ދިޔުމާއި ނިޒާމު ބަދަލުކުރަން އުޅުމަކީ، އެއް ބަޔަކު ދެކޭގޮތުގައި، ބޭކާރުވެގެންދާނެ ވަގުތާއި ހަރަދެވެ. އެއަށް ވުރެ އިސްކުރަން ޖެހޭ ބޮޑެތި އެހެން ކަންކަން އެބަހުރި ކަމަށް ބުނެ ގިނަ ބަޔަކު ޚިޔާލު ފާޅުކުރެ އެވެ. އަމުދުން ކޮވިޑްގެ ބަލިމަޑުކަމުންނާއި އޭގެ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމުގެ ގޮންޖެހުން އޮތް މި ދަނޑިވަޅުގައި އެކަން ކުރަން ނުފެންނަ މީހުން ގިނަ އެވެ.

މީގެ 14 އަހަރު ކުރީގެ ވޯޓަކަށް ބަރޯސާވެގެން ނުތިބެ އަލުން ވޯޓު ނަގައި ރައްޔިތުން މިހާރު ދެކޭ ގޮތެއް ބެލުމަކީ، ބައެއް މީހުން ދެކޭގޮތުގައި، ބޭނުންތެރި ކަމަކަށް ވެސް ވެދާނެ އެވެ. ނުވަތަ އެއަކު ގޯހެއް ނެތެވެ. އަދި 2007ގެ ވޯޓުގައި 38 ޕަސެންޓް މީހުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރި ގޮތަށް މިހާރު ވެސް އެ ނިޒާމު ބޭނުންވާ އާއްމުން އެބަތިއްބެވެ. އޭގެ ތެރެއަށް ސޯޝަލް މީޑިއާގައި މިހާރު އިތުރުވެފައި ވަނީ ނަޝީދުގެ ސަޕޯޓަރުން ފަށައިގެން އުޅޭ ބަރުލަމާނީ ކެމްޕެއިނެވެ. އެކަމަކު ގައުމުގެ އެންމެ މަތީ ވެރިޔާ ސީދާ އިންތިހާބުކުރުމުގެ ބާރު ރައްޔިތުންގެ އަތުން ގެއްލުމާއި މަޖިލީހުގެ މެމްބަރުން ކެބިނެޓުގައި ތިބުމަކީ ގިނަ ބަޔަކު ބަލައިގަންނަން އެދޭ ބަދަލުތަކެއް ކަމަކަށް ނުވެ އެވެ. ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް އިތުބާރު ކުޑަވުމަކީ އެއް ސަބަބުކަން ދޭހަވެ އެވެ.

ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސްގެ ފަރާތުން އަނެއްކާވެސް އައި ޖަވާބުން ދޭހަވަނީ ވޯޓަކަށް ދާން އެ މަނިކުފާނު ދެކޮޅުނަހައްދަވާނެ ކަމެވެ. ދެން އޮތީ ނަޝީދުގެ ޕްލޭނާ އެއްގޮތަށް ފެބްރުއަރީ 2023ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލަން ވޯޓަކަށް ދާން އުޅޭނީތޯ ބަލަން ތިބުމެވެ. އެކަމަށް އާއްމުން ތައްޔާރީ ކިހާ ވަރަކަށްތޯ ވެސް ކުރިއަށް ހުރި ދުވަސްތަކުގައި އަދި އިތުރަށް އެނގެމުންދާނެ އެވެ.