ނަޝީދު ވެސް ވިދާޅުވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ފެންނަނުފެންނަ ވޯޓުން ކަމަށް
ނަޝީދު ވެސް ވިދާޅުވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ފެންނަނުފެންނަ ވޯޓުން ކަމަށް

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ އަދި ކޮންމެ މަސައްކަތެއް ގުޅޭނީ ފެންނަ ނުފެންނަ ވޯޓާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި މި ވަނީ ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ފޮނުއްވި މެސެޖަކާ ގުޅިގެން ރައީސް މީޑިއާގައި ރައްދު ދެއްވާފައި ވަނިކޮށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މެދުވެރި ކުރައްވައި ރައީސް މިއަދު މީޑިއާ އަށް ވިދާޅުވީ ވެރިކަމުގެ މިހާރު އޮތް ނިޒާމު ކަނޑައެޅީ ރައްޔިތުންފެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވާތީ އެކަން ބަދަލުކުރެވޭނީ ވެސް އެގޮތަށް ކަމަށެވެ.

"ރާއްޖޭގައި ވެރިކަމުގެ ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއްވެސް ނެތް ކަމަށް. ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،" ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް ދެކެވަޑައިގަންނަވާ ގޮތް މީޑިއާގައި ރިޕޯޓްކުރުމާ އެކު ނަޝީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

މިހާރު އަމަލުކުރާ ރިޔާސީ ނިޒާމަށް ވެރިކަން ކުރަނީ އޮގަސްޓް 18، 2007 ގައި ނެގި ވޯޓުގެ ބޮޑު ޕަސެންޓެއްގެ ރައްޔިތުން އެ އަށް ތާއީދު ކުރުމުންނެވެ. އެއީ 62 ޕަސެންޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 17، 2018 ގައި ވެރިކަމުގެ ހުވާކުރައްވައި، ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމުގެ ވާހަކަތައް ނަޝީދު ވަނީ އިސްވެ ފައްޓަވައިފަ އެވެ. ނިޒާމީ ވޯޓުގައި ވެސް ނަޝީދާއި އެމްޑީޕީ ނެގީ ބަރުލަމާނީގެ ކޮޅެވެ. ދެން އެ ބޭފުޅުންނާ އޭރު ވާގިވެރިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއޭ އެވެ. އެހެން ހުރިހާ ސިޔާސީ ޕާޓީތައް ބުރަވީ ރިޔާސީ ނިޒާމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހަކުން ބަދަލުކޮށްފި ނަމަ އެ އިސްލާހެއް ތަސްދީގު ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން އެކަމަށް ތާއީދު ލިބުމުންނެވެ. އެހެންވެ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ރައްޔިތުން ގެ ގާތަށް ނުގޮސް އެކަން ނިންމާ ނަމަ ދެން ޖެހޭނީ ގާނޫނުއަސާސީގެ އެ މާއްދާ އުވައިލުމަށެވެ. އެހެން ނޫނީ، ކޮންމެ ހާލަތަކުން ވެސް ރައްޔިތުންގެ ވޯޓެއް ނަގަން ޖެހެ އެވެ. މިހާރުގެ ގާނޫނުއަސާސީ ވެސް ބައްޓަން ކޮށްފައި ވަނީ ރިޔާސީ ނިޒާމަށް ފައްތައިގެންނެވެ.