19 އެޕްރީލް 2021 - 18:07

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ވަަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ޓޯކެން ނަމްބަރު ނެގޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން މި މަހުގެ ކުރީކޮޅު ފަށާފައިވާއިރު، ވެކްސިން ކިއުތައް ދިގުވެ އެތައް އިރަކު ކޮޅަށް ތިބެންޖެހޭ ކަމުގެ ޝަކުވާ ބޮޑުވެފައިވެ އެވެ.
އެކަމަށް ހައްލެއް ހޯދައިދިނުމަށް އެޗްޕީއޭއިން އެންމެ ފުރަތަމަ ހެދީ އޮންލައިންކޮށް ޓޯކެން ނަމްބަރު ބެލޭނެ ގޮތެވެ.
އެކަމަކު ފަހުން އެ އެޖެންސީން ބުނީ ވެކްސިން ޖެހުމަށް "ކިއުބީ" މެދުވެރިކޮށް ރޭގަނޑު 9:00 ގެ ފަހުން ބައެއް ސެންޓަރުތަކުން ނަމްބަރު ދޫކުރާނެ ކަމަށެވެ. އޭގެ އިތުރުން އެ ސެންޓަރުތަކުން މިހާރު ވެސް ދޫކުރާ ގޮތަށް ވެސް ނަމްބަރު ދޫކުރާނެ ކަމަށް ބުންޏެވެ.
އޮންލައިންކޮށް ދޫކުރަން ހަމަޖައްސާފައިވަނީ 1،000 ނަމްބަރެވެ. އެއީ ސޯޝަލް ސެންޓަރުން ދެ ވަނަ ޑޯޒް ޖަހަން 500 ނަމްބަރާއި އާޓް ގެލަރީން 300 އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް 200 ނަމްބަރެވެ.
ރާއްޖޭގައި މިހާތަނަށް 281،848 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހާފައިވަނީ 45،817 މީހުންނެވެ. އިއްޔެ އެކަނި ވެސް 5،587 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި އެވެ.