ހީނާ ޚާނާއި ޝަހީރު ޝެއިޚް އެކީގައި ފެނިދާނެ
ހީނާ ޚާނާއި ޝަހީރު ޝެއިޚް އެކީގައި ފެނިދާނެ

މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ހީނާ ޚާނާއި ޝަހީރު ޝެއިޚަކީ އަދި އެކީގައި މަސައްކަތްކޮށްފައި ނުވާ ދެ ތަރިންނެވެ.

އެކީގައި ނަގާފައިވާ ފޮޓޯތަކެއް ހީނާ އާއި ޝަހީރުގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު "ސަޕްރައިޒެއް" އޮތް ކަމަށް ދޭހަވާ ގޮތަށް ފޮޓޯތަކުގައި ކެޕްޝަން ލިޔެފައިވެ އެވެ. އެކަމަކު ދެ މީހުން އެކީގައި ވީޑިއޯ ލަވައެއް ކުޅެނީތޯ، ޓީވީ ސިލްސިލާއެއް ކުޅެނީތޯ ނޫނީ ވެބް ސީރީޒެއްގައި މަސައްކަތްކުރަނީތޯ ކަށަވަރެއް ނުވެ އެވެ.

ޔަގީންވާ ކަމަކީ އިންސްޓަގްރާމް ފޮޓޯތަކަށް ބަލާ އިރު ވަރަށް ހާއްސަ އެއްޗެއް ގެނެސްދޭން އުޅޭކަމެވެ. ހީނާ އާއި ޝަހީރަކީ ވެސް ކަޝްމީރަށް އުފަން ދެ ތަރިންނެވެ. ދެ މީހުން އެކީގައި ފެންނަ ފޮޓޯތައް ނަގާފައި ހުރީ ކަޝްމީރުގެ ސްރީނަގަރްގަ އެވެ.

މިދިޔަ އަހަރު ކައިވެނިކުރި ޝަހީރު އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އެވެ. އަދި މިދިޔަ އަހަރު "ޕައުރަޕުރުޝް" ކިޔާ ވެބް ސީރީޒަކުން ވެސް އޭނާ ފެނިފައިވެ އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރަށް އަވަހަށް ޝަހީރު ޒީ ޓީވީގެ ސިލްސިލާއަކުން ވެސް ފެންނާނެ އެވެ.

ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދައިލި ހީނާ އަކީ މިހާރު ޓީވީ އިންޑަސްޓްރީ އަށް ވުރެ ބޮޑަށް ބޮލީވުޑާއި ވެބް ސީރީޒްތަކާއި ވެބް ފިލްމުތަކަށް ފޯކަސްކުރާ ބަތަލާއެކެވެ. މިދިޔަ އަހަރުގެ "ހެކްޑް" އިން ބޮލީވުޑަށް ތައާރަފުވި ހީނާ މިހާތަނަށް ގިނަ ވެބް ކޮންޓެންޓް ކުޅެފައިވެ އެވެ. އަދި މި ހަފުތާގައި އޭނާގެ އާ ވީޑިއޯ ލަވައެއް "ބޭދަރު" ގެ ނަމުގައި ރިލީޒްކޮށްފައިވެ އެވެ.