މި އަހަރު ވެސް ބޮޑު ސްކްރީނުން ޝިލްޕާ ޝެޓީ ނުފެންނާނެ
މި އަހަރު ވެސް ބޮޑު ސްކްރީނުން ޝިލްޕާ ޝެޓީ ނުފެންނާނެ

އެކްޓިންއާ ދުރުގައި ހުންނަތާ 12 ވަރަކަށް އަހަރު ފަހުން ޝިލްޕާ ޝެޓީ އަލުން ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވި ނަމަވެސް އޭނާ ކުޅެފައި އޮތް ދެ ފިލްމު މި އަހަރު ވެސް ރިލީޒްކުރާނެކަމުގެ އުންމީދެއް ނެތެވެ.

ދެހާސް ނަވާރައިގައި މަސައްކަތް ފެށި "ނިކައްމާ" އާއި "ހަންގާމާ 2" އަކީ ކުރިން މިދިޔަ އަހަރު ރިލީޒްކުރަން ރޭވި ފިލްމުތަކެވެ. "ނިކައްމާ" ގެނެސްދޭން އޮތީ ޖޫން 12 ގަ އެވެ. އަދި "ހަންގާމާ 2" އޮގަސްޓް 14 ގަ އެވެ.

ނަމަވެސް ކޮވިޑް-19އާ ހެދި އެ ދެ ފިލްމު ގެނެސްދޭން މިދިޔަ އަހަރުކުރި މަސައްކަތް ފަނުފުލުން ގޮސްފައިވާ އިރު، އަނެއްކާ ކޮވިޑްގެ ރާޅުގަނޑާ ހެދި ބޮލީވުޑްގެ ފިލްމީ ކަލަންޑަރު ވަނީ އޮޅުންބޮޅުންވެފަ އެވެ.

އަހަރު ފެށިގެން އައި އިރު، ފިލްމުތައް ރިލީޒްކުރާނެ ތާރީހުތައް އިއުލާންކުރަމުން ދިޔަ ނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވާތީ އަޅަން ޖެހިފައިވާ ފިޔަވަޅުތަކާ ހެދި މިހާރު ވެސް އެތައް ފިލްމެއް ރިލީޒްކުރަން ނިންމި ތާރީހުތަކުގައި ނުގެނެސްދޭން ވަނީ ނިންމައިފަ އެވެ.

"ނިކައްމާ" އާއި "ހަންގާމާ 2" އަކީ ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް ދެ ފިލްމެވެ. އެކަމަކު މި އަހަރު އަދި އެ ފިލްމުތައް ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ވެސް ނުކުރެ އެވެ. އެހެންވެ މިހާރު ހާލަތަށް ބަލާ އިރު، މި އަހަރަކީ ވެސް ޝިލްޕާ ސްކްރީނުން ފެންނާނެކަމުގެ އުންމީދެއް އަހަރެކެވެ. ދެން ސުވާލަކީ ޑިޖިޓަލްކޮށް އެ ފިލްމު ރިލީޒްކޮށްފާނެތޯ އެވެ؟ އެކަމާ ބެހޭ ގޮތުން ވެސް ދެ ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

އެހެންވެ ޝިލްޕާގެ ފޭނުންނަށް އޮންނާނެ ގޮތަކީ ޓީވީ ސްކްރީނުން ޝިލްޕާ ދެކިލައިގެން ހިތްހަމަޖައްސައިލުމެވެ. ސޮނީ ޓީވީން މިހާރު ގެނެސްދޭ "ސުޕަ ޑާންސާ" ޗެޕްޓާ 4 ގެ ޖަޖުންގެ ޕެނެލުން އޭނާ ފެންނާނެ އެވެ.

"ނިކައްމާ" އަކީ "ބާގީ" އާއި "ހީރޯޕަންތީ" ގެނެސްދިން ސަބީރް ޚާންގެ ފިލްމެކެވެ. އޭގައި ޝިލްޕާއާ އެކު ކާސްޓްގައި ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ ހިމެނެ އެވެ.

"ހަންގާމާ 2" ޑައިރެކްޓަރު ޕްރިޔަދަރުޝަން 2003 ގައި ގެނެސްދިން "ހަންގާމާ" ގެ ސީކްއެލް އެވެ. އެ ފިލްމުގައި ޝިލްޕާ އެކު ޕަރޭޝް ރާވަލާއި މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް ހިމެނެ އެވެ.

ޝިލްޕާ، 45، ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ.