19 އެޕްރީލް 2021 - 12:53

ކޮވިޑު-19 ގެ ކޭސްއަކާ ގުޅިގެން އަމަލުކުރަންޖެހޭ އުސޫލުތަކަށް ބެލުމެއް ނެތި 26 މީހުންނާ އެކު ޅ. ނައިފަރުގެ ގެއެއް ކަރަންޓީނުކުރި ކަމަށް ބުނެ އެ މައްސަލާގައި އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރަން ނިންމައިފި އެވެ.
ބަލީގައި މި ފަހުން އެންމެ ހާލަތު ގޯސްވި އެއް ރަށް ކަމަށްވާ ނައިފަރުގައި ހުކުރު ދުވަހާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 130 އަށް އަރަ އެވެ. އެ ރަށުގައި އެތައް ބަޔަކު މިހާރުވެސް ކަރަންޓީނުގައި އެބަތިއްބެވެ.
އުސޫލާ ހިލާފަށް ކަރަންޓީނުކުރި ކަމަށް ބުނާ "ސަވޯނާ" ގެއިން މިއަދު "މިހާރު" އަށް ވާހަކަދެއްކި މީހަކު ބުނީ އެންމެ ފުރަތަމަ ކުއްޖާ ޕޮޒިޓިވްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ހަމަ އެ ދުވަހު ކަރަންޓީންގެ ހާލަތަށް ގެ ގެނައި ކަމަށާއި އެ ކުއްޖާ ޕޮޒިޓިވްވިކަން ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެންގިޔަސް ދެން ކަންތައް ކުރަންވީ ގޮތެއް ކިޔައިދީފައިނުވާ ކަމަށެވެ. އެކަމަކު ގޭގައި ދެން ތިބި މީހުންގެ ރައްކަލަކަށްޓަކައި އެ ކުއްޖާ، ސަވޯނާ ގޭގެ ދެ ވަނަ ފްލޯގައި ހުރި ހުސް ކޮޓަރިއަކަށް ބަދަލުކުރީ އެވެ.
އޭގެ ފަހުން އެ ގެއިން އިތުރު ދެ ކުއްޖަކު ޕޮޒިޓިވްވެފައި ވެ އެވެ.
އޭނާ ބުނީ އާއިލާތަކަށް ވަކިން ދިރިއުޅެވޭ ގޮތަށް ގެ ހުއްޓަސް ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓުކުރުމެއް ވެސް ނެތި ދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް އެންމެން ތިބީ ގޭގައި ބަންދުކޮށްފައި ކަމަށެވެ. އެކަމުގެ ކަންބޮޑުވުންތައް އާއިލާއިން އެޗްޕީއޭއާ ވެސް ހިއްސާކޮށްފައިވެ އެވެ.
"މި ގޭގައި އުޅޭ ކޮންމެ އާއިލާއަކަށް ވަކިން ދިރިއުޅެވެން އޮތް ގެއަކަށް ވެފައި ޑައިރެކްޓް ކޮންޓެކްޓުން ވަކިން ތިބެވޭ ގޮތަށް އޮތްއިރު ވެސް ގޭގެ ހުރިހާ އެންމެން އެއްކޮށް ވަނީ ގޭގައި ބަންދުކޮށްފަ އެވެ. މި ގޭގެ ގިނަ އާއިލާތަކަކީ މަސްވެރިކަމުން އާމްދަނީ ހޯދައިގެން އުޅޭ ބަޔަކަށް ވުމާ އެކު ގެ އެއްކޮށް ބަންދުކުރުމުގެ ސަބަބުން ގޭގެ ގިނަ އާއިލާތަކެއްގެ އާމްދަނީ ވަނީ ހުއްޓިފަ އެވެ،" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމެއް ނެތި ގެ އެއްކޮށް ބަންދު ނުކުރެވޭނެކަން އެޗްޕީއޭ އިން އެ އާއިލާއަށް އެންގުމުން، އެ ގެއިން ރަށުގެ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގި އެވެ. ހޮސްޕިޓަލުން ދިން ޖަވާބުގެ ގޮތުގައި ސިޓީގައި ބުނެފައިވަނީ ސަވޯނާ ބަންދުކުރަން އަންގާފައިނުވާނެ ކަމަށެވެ. އެކަމަކު ކައުންސިލުން ބުނީ އެ ގެ ބަންދުކުރީ ހޮސްޕިޓަލުން އަންގައިގެން ކަމަށެވެ. ފުލުހުން މައުލޫމާތު ދިނީ ސަނޯވާގައި ތަތްކުރީ ކައުންސިލުން ހަވާލުކުރި ލިޔުމެއް ކަމަށެވެ.
"އެގޮތުން މިކަމާ ހަވާލުވާނެ ބައެއް ނުވުމުން ކައުންސިލްގެ ރައީސް ވަނީ ސަވޯނާ ކައިރިއަށް އައިސް ގޭގެ ބޭރު ދޮށުގައި ހަރުކޮށްފައިވާ ލިޔުން ނައްޓާލައި ގެ ބަންދުން ވީއްލައިފަ އެވެ. އަދި ހޮސްޕިޓަލްގެ މެނޭޖަރު ސަވޯނާ ކައިރިއަށް އައިސް މިއީ ހޮސްޕިޓަލްގެ އިހުމާލުން ވެފައިވާ ކަމެއްކަމަށް ވަނީ އިއުތިރާފުވެފަ އެވެ،" ސިޓީގައި ބުންޏެވެ.
ކަރަންޓީނުން ނެގި ކަމަށް ބެލުމަށް ފަހު އެ ގޭގެ ތިން މީހަކު ބޭރަށް ދިޔަ އެވެ. ނަމަވެސް ކައުންސިލުން ވަނީ ސަވޯނާ މޮނިޓަރިންނަށް ލާފައިވާ ކަމުގެ ދެ ވަނަ ނޯޓިސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތަތްކޮށްފަ އެވެ. އެހެންވެ، އުސޫލާ ހިލާފުވި ކަމަށް ބެލުމަށް ފަހު ތިިން މީހަކު، ޖުމްލަ 15،000ރ. އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
"ވީމާ ކޮވިޑު-19 ގެ ކޭސްއަކާ ގުޅިގެން އަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މާޗު 29، 2021 ވަނަ ދުވަހު ސަވޯނާ ބަންދުކުރުމަށްފަހު އޭޕްރީލް 15، 2021 ވަނަ ދުވަހު ހޮސްޕިޓަލްގެ ފަރާތުންނާއި ނައިފަރު ކައުންސިލްގެ ފަރާތުން މި ގެއަށް އައިސް މިގެ ބަންދުން ދޫކޮށްލައި އަދި ބަންދު ކުރެވިފައިވަނީ އިހުމާލުން ކަމަށް އެއްބަސްވެފައިވާތީ މިގެ ބަންދުކޮށްފައި ބާއްވާފައި އޮތް 18 ދުވަހު މި ގޭގައި ދިރިއުޅޭ އާއިލާތަކަށް ލިބުން މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ގަސްތުކުރާތީ މި ވާހަކަ ތިޔަ ފަރާތުގެ މައުލޫމާތަށްޓަކައި ދަންނަވާލީ އެވެ،" ސިޓީގައިވެ އެވެ.
އެޗްޕީއޭ އިން ފަހުން ވަނީ އެ ގޭގައި ތިބި އެންމެން ޓެސްޓުކުރުމަށް މާދަމާ ސާމްޕަލް ނަގަން ދާނެ ކަމަށް އަންގައިފަ އެވެ.