ވެކްސިން ތިން ސެންޓަރެއްގެ ކިއު، އޮންލައިންކޮށް ބެލޭ ގޮތް ހަދައިފި
ވެކްސިން ތިން ސެންޓަރެއްގެ ކިއު، އޮންލައިންކޮށް ބެލޭ ގޮތް ހަދައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަންދާ މީހުންގެ ކިއުތައް ދިގުވެ، އެކަމަށް ހައްލެއް ހޯދުމަށް، ބައެއް ވެކްސިން ސެންޓަރުތަކުގެ ޓޯކެން ނަމްބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

ރޯދަ މަހު، ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު ކިއު ދިގުކަމުން އެތައް އިރަކު ކިއުގައި ތިބެން ޖެހެ އެވެ.

އެޗްޕީއޭ އިން ބުނީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު މިހާރު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައިވާ ކަމަށެވެ. އެ ތިން ސެންޓަރަކީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރެވެ.

މި ތިން ސެންޓަރުގައި ކިއުގައި ޖެހޭ މީހުން ނަމްބަރު ނެގުމަށް ފަހު، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން، ހިދުމަތް ދެމުންދާ ނަންބަރު ފެންނާނެ އެވެ.

އެޗްޕީއޭ އިން އޮންލައިންކޮށް ޓޯކެން ނަމްބަރު ބެލޭނެ އިންތިޒާމު ހަމަޖައްސައިފައިވާ މި ތިން ސެންޓަރަކީ ވެސް ހަމައެކަނި ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދެމުން އަންނަ ސެންޓަރުތަކެވެ.

އެ ތިން ސެންޓަރުގެ އިތުރުން ވެކްސިންގެ ދެ ވަނަ ޑޯޒް ދެމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނަހިޔަ އެވެ.

ރޯދަ މަހު، އެ ތަންތަނުން އެންމެ ފުރަތަމަ ވެކްސިިން ޖަހައިދޭން ފެށީ، ރޭގަނޑު 8:00 އިން 11:00 އަށެވެ. އެކަމަކު ވެކްސިން ސެންޓަރުތަކުގެ ކިއުތައް ދިގުވެ، ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރަން ފެށުމުން، 8:00 އިން 11:45 އަށް ވަނީ ވަގުތު އިތުރުކޮށްފަ އެވެ.

ފުރަތަމަ ޑޯޒް ނުޖަހައި، މީހުންނަށް މާލޭ ސަރަހައްދުން މިހާރު ވެކްސިން ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެތަނުން ވެސް ރޯދަ މަހު އެންމެ ފުރަތަމަ ވެކްސިން ދޭން ފެށީ 8:00 އިން 11:45 އަށެވެ. އެކަމަކު ފުރަތަމަ ޑޯޒް ނުޖަހައި ގިނަ ބަޔަކު އަދިވެސް ތިބުމާއެކު، އެ ސެންޓަރުންް ވެކްސިން ޖަހައިދެމުން އަންނަ ވަގުތު ވަނީ 8:00 އިން 11:00 އަށް އިތުރުކޮށްފަ އެވެ.

ފުރަތަމަ ޑޯޒް ދޭ މީހުންނަށް މިހާރު ޖަހައިދެނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ހުއްދަ ދީފައިވާ ސިނަފޯމް ވެކްސިނެވެ. މި ވެކްސިންގެ ދެ ވަނަ ޑޯޒް ދޭކަށް އަދި ނުފަށަ އެވެ. ސިނަފޯމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ މަހެއް ފަހުން ޖެހޭނެ އެވެ.

އިއްޔެ ރޭގެ ނިޔަލަށް ވެކްސިން ޖެހި މީހުންގެ އަދަދަކީ 279،302 އެވެ. މިހާތަނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 40،230 މީހެކެވެ.